ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު އޮތް ސަރުކާރާ ދުރަށް ޖެހިވަޑައިގެންނެވީ، ވެރިކަމުގެ އިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި، ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްއިން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރާ ޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫވެގެން ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި، ރައީސް ޔާމީންއާ ވަރަށް އަރިހުގައި މަސައްކަތްކުރެއްވި އަބްދުއްރަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގެންނެވީ އެ މަނިކުފާނުގެ ބޮޑާ ކަމާއި ކިބުރުވެރިކަމުން ކަމަށެވެ.
"އެހެން ބޭފުޅަކު (ރައީސް ޔާމީން ނޫން) ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން. ވެރިކަމުގެ އިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމަކުން. މިކަން ވަކީން ބޮޑަށް މިއަދު ރައްޔިތުނަށް ޔަގީން ވަނީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތު މުޑުދާތު ސަކަރާތުން" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ ސަރުކާރާ ދުރުވެގެން އުޅުއްވަނީ ކޮންމެހެން އިދިކޮޅު ޕާޓީއަކަށް ވެގެންނެއް ނޫނެވެ. ނަމަވެސް ބޮޑެތި ގޯސްތަކެއް ސަރުކާރުން ހަދަމުންދާތީ، އެކަން ހަޖަމްކުރައްވަން އުނދަގޫވެވަޑައިގެން، އެކަންކަން ދިފާއު ކުރައްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށެވެ.
"އެ ކުރާ ކަންކަން ދިފާއު ކުރުމަށް، ސަރުކާރުގެ ބައިވެރިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭކަށް ބޭނުމެއް ނޫން. ހަމަ އެހެންވެ އަޅުގަނޑުމެން [ސަރުކާރާ] ދުރުވީ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މި ފަހަކަށް އައިސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކި ވާހަކަތައް ދައްކަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު