މަކަރާއި ހީލަތުން ބޭންކް އެކައުންޓުތަކުގެ ފައިސާ ނަގަން ކުރިއަށްގެންދާ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފުރިހަމަވެގެންދާ އިރު، ބޮޑެތި އަދަދުތަކުން ޓްރާންސެކްޝަން ހަދާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭންކު އެކައުންޓުތައް ބްލޮކްކޮށް، ވެރިފަރާތާ ގުޅައިގެން ވެރިފައިކުރާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ސްކޭމް ހުއްޓުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް މައުލޫމާތުދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވީ ސްކޭމް ހުއްޓުވުމަށްޓަކައި، އެންޓި ސްކޭމް ސެންޓަރު ގާއިމުކޮށް އެ ސެންޓަރުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެ ސެންޓަރުގެ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ހުރުމުން އެ ތަނުގެ މަަސައްކަތްތައް ފުރިހަމައަށް ހިނގައިގަތުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އެގޮތުން ސީޕީ ވިދާޅުވީ އެ ސެންޓަރުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ފުރިހަމަކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބޭންކުތަކާ ވާހަކަ ދައްކަމުން މިދަނީ ސަސްޕެކްޓެޑް މަލްޓިޕްލް ޓްރާންސެކްޝަން އެންމެ އެކައުންޓަކުން ކުޑަކުޑަ ވަގުތުކޮޅެއްގައި ދާކަމަށްވަންޏާ އެ ރިޕޯޓުކޮށް ބްލޮކްކުރުމާ ބެހޭ ކަންތައްތައް ކުރުމަށް،" ސީޕީ ވިދާޅުވިއެވެ.
އެގޮތުން އެންޓި ސްކޭމް ސެންޓަރުގެ މަަސައްކަތް ފުރިހަމަވެގެންދާ އިރު، އެއް އެކައުންޓުން، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޓްރާންސެކްޝަންތަކެއް ކުރާ ނަމަ، އެ އެކައުންޓު ބްލޮކްކޮށް، އެކައުންޓުގެ ވެރިފަރާތާ ގުޅައިގެން އެއީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކުރާ ކަމެއްތޯ، ވެރިފައިކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސްކޭމް ހުއްޓުވުމަށް ފުލުހުން އަޅަމުންދާ ގިނަ ފިޔަވަޅުތަކެއްގެ މައުލޫމާތު ފުލުހުން ވަނީ ކޮމިޓީއާ ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ މިއަހަރުގެ ޖުލައި މަހާ ހަމައަށް ސްކޭމްގެ މައްސަލަތަކުގައި 300 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު