ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ހިޔާނާތް ބަލަން އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ދީދީ ވިދާޅުވީ، އާރުޑީސީން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ކަންބޮޑުވުމާއެކު ރައްޔިތުން ދައްކަމުންދާ ކަމަށެވެ. އެހެެންކަމުން އެކަންތައްތައް ކޮމިޓީން އޮޅުންފިލުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ދީދީ ހުށަހެޅުއްވީ ވީހާ އަވަހަކަށް އެ ކުންފުނީގެ އިސް ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ.
އޭނާގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފެވެ. އެގޮތަށް ފާސްކޮށް، ވީ އެންމެ އަވަހަކަށް އާރުޑީސީގެ އިސް ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމިއެވެ.
އެސްއޯއީ ކޮމިޓީއަށް އާރުޑީސީގެ އިސް ބޭފުޅުން ހާޒިރުކުރަން ނިންމާފައިވާ އިރު، އެކުންފުނީގެ ހިޔާނާތާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތައް އެނގޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
މިދިިޔަ މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެފައިވަނީ، އެ މައްސަލައިގެ ތަހުގީގުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ބެހޭ ބައެއް މައުލޫމާތު ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތް ވެސް މިހާރު އެނގޭ ކަމަށެވެ. އަދި އެ ފައިސާ ހަރަދު ކުރުމާއި އެ ކޮމިޝަނުން ކުރިއަށްގެންދާ އެހެން ތަހުގީގަކާ ގުޅުން ހުރުމުން އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ދެހާސް ބާވީސްވަނަ އަހަރު ހިންގި އެ ހިޔާނާތުގެ ތެރެއިން އެ ކުންފުނީގެ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު