އިޒްރޭލުން ހިފައި އިސްތުއުމާރުކޮށްފައިވާ ގޯލާނުގެ އަރަބީންގެ އަވަށަކަށް ދާދި ފަހުން އެރި ރޮކެޓް ހަމަލާއެއްގައި ކުޑަކުދީންނާއި ޒުވާނުން ހިމެނޭގޮތުން ބާރަ މީހަކު މަރުވެ އިތުރު ތިރީހަކަށް މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލަ އަރާފައިވަނީ ގޯލާނުގެ މަޖުދަލް ޝަމްސޭ ކިޔުނު އަވަށެއްގެ ފުޓްބޯޅަ ދަނޑަކަށެވެ. ކުޑަކުދީންނާއި ޒުވާނުން ފުޓްބޯޅަ ކުޅެން ތިއްބައެވެ. އިޒްރޭލުން ބުނާގޮތުގައި މިއީ ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުން ގަސްތުގައި ދިން ހަމަލާއެކެވެ. އެހެންވީމާ މިކަމުގެ އަގު އެ ޖަމާއަތުން އަދާކުރަން ޖެހޭނެއެވެ. މިހެން ބުނެފައި ލުބުނާނުގެ ތެރެއަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. މި ހަމަލާތައް ފުޅާވެ ހިޒްބު ﷲ އާއި އިޒްރޭލާ ދެމެދު ހުޅުވިފައިވާ ދިގު ހަގުރާމައެއް ފެށުމުގެ ބިރު މިހާރު ބޮޑު ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. މަޖުދަލް ޝަމްސަށް އެރި ރޮކެޓަކީ ހިޒްބު ﷲ އާ ގުޅުމެއްނެތް އެއްޗެއް ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. މިއީ އިޒްރޭލުން އަމިއްލައަށް ކުރިކަމެއް ކަމަށްވެސް އެ ޖަމާއަތުން ތުހުމަތު ކުރެއެވެ.

ރޮކެޓް ހަމަލަ އަމާޒުވި މަޖުދަލް ޝަމްސަކީ ގޯލާނުގައި ދުރޫޒު އަރަބީން ދިރިއުޅޭ ހަތަރު އަވަށުގެ ތެރެއިން އަވަށެކެވެ. ގޯލާނުގައި ދުރޫޒް އަރަބީންގެ ފަންސަވީހަކަށް ހާސް މީހުން އަދިވެސް ދިރިއުޅެއެވެ. ރޮކެޓް ހަމަލައިގައި މަރުވި މީހުންނަކީ އިޒްރޭލުގެ ރައްޔިތުން ކަމަށް އެގައުމުން ބުންޏަސް ހަގީގަތުގައި ގޯލާނުގެ އަރަބީންނަށް އިޒްރޭލުގެ ރަށްވެހިކަން ދީފައެއް ނުވެއެވެ. އެމީހުންނާމެދު ރަސްމީގޮތުން ބެލެވެނީ އެއީ ސީރިޔާގެ ރައްޔިތުން ކަމުގައެވެ. ގޯލާނަކީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ ސީރިޔާގެ ބިމެކެވެ. އެއީ މުޅި ގޯލާނުގެ ގާތްގަޑަކަށް ތިންބައިކުޅަ ދެބައެވެ. އަނެއްބައި އަދިވެސް އޮތީ ސީރިޔާގެ ދަށުގައެވެ. އިޒްރޭލުން ހިފިބަޔަކީ އިޒްރޭލުގެ ގާނޫނީ ހުކޫމަތުގެ ދަށުގައިވާ އިޒްރޭލުގެ ރަސްމީ ސަރަހައްދަކަށް ވަނީ ހަދައިފައެވެ. އެކަމަކު ބަައިނަލްއަގުވާމީ މުޖުތަމައުން މި ނިންމުން ބަލައެއް ނުގަނެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރަނީ އެއީ ގަދަކަމުން އިޒްރޭލް ފޭރިގެންފައިވާ ސީރިޔާގެ ބިމެއް ކަމުގައެވެ.

ގޯލާނުގައި އިޒްރޭލުން ވަނީ ޔަހޫދީ އާބާދީތަކެއް ހަދައި އަރަބީންނާއި ދާދި އެއް އަދަދަކަށް ޔަހޫދީންވެސް ވަޒަންވެރި ކުރުވައިފައެވެ. ގާތްގަޑަކަށް ތިރީހަކަށްހާސް ޔަހޫދީންނެވެ. ގޯލާނުގައި ދިރިއުޅޭ އަރަބީންނަކީ މުޅިން ކަހަލަ ގޮތަކަށް ދުރޫޒުންނެވެ. ދުރޫޒުންނަކީ ސީރިޔާ އާއި ލުބުނާނުގައި ދިރިއުޅޭ ބައެކެވެ. އަރަބި ބަހުން ވާހަކަ ދައްކާ ބަޔަކަށްވިޔަސް އެއީ މުސްލިމުން ކަމަކަށް ނުބަލައެވެ. ދުރޫޒުންގެ ގަބޫލުކުރުންތައް މުސްލިމުންނާ ތަފާތުކަމުންނެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ދުރޫޒުން ދިރިއުޅެނީ ސީރިޔާގައެވެ. އެއަށްފަހު ދެން ލުބުނާނުގައެވެ. އިޒްރޭލުން ވަނީ ފާއިތުވި ފަންސާހަކަށް އަހަރުގެ ތެރޭގައި ދޮޅު ލައްކައެއްހާ އަރަބީން ގޯލާނުން ފައްސައިލައިފައެވެ. އެމީހުންގެ ބިންތައް ފޭރި ޔަހޫދީ ވަޒަންވެރިން ދަނޑުގޮވާން ކުރުމަށް އެ ބިންތައް ވަނީ ދީފައެވެ. ގޯލާން އަލުން ހިފޭތޯ އެތަކެއްފަހަރު މަތިން ސީރިޔާއިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެކަމަކު ކާމިޔާބެއް ނުވެއެވެ.

ގޯލާނުގެ ދުރޫޒް އަވަށަކަށް އެރި ރޮކެޓް ހަމަލާގައި މަރުވެފައިވަނީ ދުރޫޒް ޒުވާނުންނާއި ކުޑަކުދިންނެވެ. މި ހަމަލާގެ ޒިންމާ އިޒްރޭލުން އަޅުވަނީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ހިޒްބު ﷲ ގެ ބޮލުގައެވެ. އެއީ ޝީއީ ޖަމާއަތެކެވެ. ދުރޫޒުންގެ ފެށުމަކީ ޝީއީންގެ ތެރެއިން އުފެދުނު ވަކި މަޒުހަބެއްކަމުގައިވާ އިސްމާއީލީން ކަމަށްވިޔަސް މިހާރުގެ ދުރޫޒުންނަކީ ޝީއީންނެއްވެސް ނޫނެވެ. ސުންނީންނެއްވެސް ނޫނެވެ. ރޯދަހިފުން ކަހަލަ ދީނީ އަޅުކަން އެމީހުން ގަބޫލެއްވެސް ނުކުރެއެވެ. ކޮންމެއަކަސް ލުބުނާނުގައި ޝީއީންނާއި ދުރޫޒުންނާ ދޭތެރޭ މާބޮޑު އެކުވެރިކަމެެއް ނޯވެއެވެ. ލުބުނާނުގެ އަހުލީ ހަނގުރާމައިގެ ދުވަސްވަރު މި ދެބައިމީހުންގެ މެދުގައި ކުރިމަތިލުންތަކެއްވެސް އޮތީ ހިނގައިފައެވެ. ލުބުނާނުގައި އެކަނިވެސް ތިންލައްކައެއްހާ ދުރޫޒުން އުޅެއެވެ. އެހެންވީމާ ކުރިން ދެންނެވި ރޮކެޓް ހަމަލަޔަކީ ލުބުނާނުގެ ދުރޫޒުންނާއި ޝީއީން އެއްބަޔަކު އަނެެއްބަޔަކާ ޖައްސައި ލުބުނާނުގައި އަހުލީ ހަނގުރާމައަކަށް މަގުފަހި ކުރުމަށް އިޒްރޭލުން ރާވައިގެން ހިންގި އަމަލަކަށްވުން ކައިރިއެވެ.

ގޯލާނަކީ ގާނޫނީގޮތުން އިޒްރޭލުގެ ސަރަހައްދަކަށް ނުވެފައި އަދި މަރުވެފައިވަނީ އިޒްރޭލުގެ ރަށްވެހިކަން ލިބިފައިވާ ބަޔަކަށް ނުވެފައި އެއީ ސީރިޔާގެ ސަރަހައްދަކަށްވާތީ މި ހަމަލައިގެ ބަދަލު ހިފުމަށޭ ބުނެ ލުބުނާނަށް އަރައިގަތުމުގެ ގާނޫނީ އެއްވެސް ހުއްޖަތެެއް ނެތެވެ. އެހެންވީމާ ތަޖުރިބާކާރުން ބޮޑަށް ގަބޫލުކުރަނީ މިކަމަކީ ހިޒްބު ﷲ އާއި ދެކޮޅަށް ލުބުނާނާއި ސީރިޔާގެ ދުރޫޒުން ތެދުކުރުމުގެ ނިޔަތުގައި އިޒްރޭލުން އަމިއްލައަށް ހިންގި ޖަރީމާއެއް ކަމުގައެވެ. ހިޒްބު ﷲ އިން ދިން ހަމަލައެއް ކަމަށްވަންޏާ ދުރޫޒުންގެ އަވަށެއްގެ ފުޓްބޯޅަ ދަނޑަކަށް ހަވީރުގެ ވަގުތެއްގައި ހަމަލަ އަމާޒުކުރުމުގެ ބަދަލުގައި ޔަހޫދީންގެ އަވަށަކަށް އެ ހަމަލަދިނުން މާބޮޑަށްވެސް އެކަށީގެންވެއެވެ. އީރާނުންވެސް ބުނެފައިވަނީ މިހެންނެވެ. މިއީ އިޒްރޭލުގެ ޖަރީމާއެކެވެ. ދުރޫޒުންގެ ބަޔަކު މަރައިފައި ދެން ދިމާކުރަން ބޭނުންވަނީ ޝީއީންނާއެވެ. އެއްގާގަނޑަކުން ދެދޫނި މެރުމުގެ ނިޔަތުގައެވެ. މިކަން މިހެން ވިޔަނުދޭނެ ކަމަށާއި އީރާން އޮތީ ލުބުނާނުގެ ރައްޔިތުންނާއެކު ކަމަށްވެސް އީރާނުން ބުނެއެވެ.

ހިޒްބު ﷲ ގެ ކިބައިން ވޭންދެނިވި ގޮތަކަށް ބަދަލު ހިފާނަމޭ، ރަތްރޮނގު ހުރަސްކޮށްފިޔޭ ބުނެ އިޒްރޭލުން ކިތަންމެ ވަރުގަދަ އިންޒާރުތަކެެއް ދިނަސް ލުބުނާނަށް އަރައިގަންނަން ކެރޭނެ ކަމަށް ނުފެނެއެވެ. ހިޒްބު ﷲ އަކީ ހަމާސްއަށްވުރެ ހުރިހާ ގޮތަކުންވެސް ބާރުގަދަ ޖަމާއަތަކެވެ. އިޒްރޭލް އެއޮތީ ފާއިތުވި ދިހަވަރަކަށް މަހުގެ ތެރޭގައި ހަމާސްއާ ކުރިމަތިލައިގެން ލޮޑުވެފައެވެ. މި ދަނޑިވަޅުގައި އައު މައިދާނެއްގައި ހަނގުރާމަކުރާހާ ހަކަތައެއް ނެތެވެ. އެހެންވީމާ ގަބޫލުކުރެވެނީ ގޯލާނުގެ ހާދިސާއަކީ ފޮރުވިގެންތިބެ ނުބައި ޖަރީމާއެއް ހިންގުމަށްފަހު ހިޒްބު ﷲ ގެ ބޮލުގައި އަޅުވައި ލުބުނާން ހަލަބޮލިކޮށްލުމުގެ އަމަލެއް ކަމުގައެވެ. ނުވަތަ ހިޒްބު ﷲ ގެ ވައިގެ ހަމަލައެއް މަތަކުރަން އިޒްރޭލުން ފޮނުވައިލި ރޮކެޓެއް މިސްރާބުން ނެއްޓި ގޯލާނަށް އެރީކަމަށްވުންވެސް އެކަށީގެންވެއެވެ. ކޮންމެގޮތެއްވިޔަސް މިކަން އިޒްރޭލުގެ އަމިއްލަ އަމަލެއް ނޫންކަމަށް ބެލޭނެ އެއްވެސް ގޮތެެއް ނެތެވެ.