ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތްތައް ރާވާފައިވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާތާ 72 ގަޑިއިރުގެ ތެރޭގައި ގެއްލޭ ފައިސާ ހޯދުމަށް ކަމަށް، ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު، އިންސްޕެކްްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވެއްޖެއެވެ.
ސްކޭމްކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުން ފައިސާ ނަގާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް އަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށްޓަކައި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި ފުލުހުންގެ އިސް ބޭފުޅުން އެ ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ.
މި ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، އެންޓި ސްލޭމް ސެންޓަރުގެ މަސައްކަތް ބެހިގެންވަނީ ހަތަރު ބަޔަކަށް ކަމަށެވެ.
އޭގެ ތެރެއިން ފުރަތަމަ ބަޔަކީ ރެޕިޑް ރެސްޕޮންސްގެ ބައި ކަމަށާއި، އެބައި ދެމިގެންދާނީ 72 ގަޑިއިއަރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މަަސައްކަތުގެ ދަށުން ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާތާ 72 ގަޑިއިރުގެ ތެރޭގައި ފައިސާ ރިކަވާކުރުުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމަށްޓަކައި އެ ގަޑިތަކުގެ ތެރޭގައި ބޭންކުންނާއި ކަމާބެހޭ އެޖެންސީތަކުން ހޯދާ މައުލޫމާތަކީ ހެކީގެ ގޮތުގައި ހޯދާ މައުލޫމާތު ނޫން ކަމަށެވެ.
"އެ މައުލޫމާތުތައް ވެގެންދާނީ ފައިސާ ރިކަވާކުރުމަށް ހޯދާ ބޭސިކް މައުލުމާތުތަކުގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.
އެ މައުލޫމާތުތަަކަށް ބިނާކޮށް ފައިސާ ރިކަވާކުރުމަށްފަހު، އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ޖެހޭތޯ ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަރިޔަމް ވިދާޅުވީ އެގޮތަށް ދެ މައްސަލައެއް މިހާރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެެރެއިން އެއް މައްސަލައަކީ، 2.6 މިލިއަން ރުފިޔާގެ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި 72 ގަޑިއިރުގެ ތެޜޭގައި އަށްލައްކަ ރުފިޔާ ކަވަރު ކުރެވުނު ކަމަށާއި، ދެން ހިމެނޭ 1.9 މިލިއަން ރުފިޔާގެ މައްސަލައިގައިވެސް ކޮންމެވެސް ވަރަަކަށް ފައިސާ ރިކަވާކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެންޓި ސްކޭމް ސެންޓަރު ގާއިމުކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެން ކަމަށެވެ. އެ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ސިންގަޕޫރު އަދި ތައިލެންޑު ހިމެނެއެވެ. އޭގެ ތެރެއިން ރާއްޖެއަށް މިހާރު އެޑަޕްޓުކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޭމްތަކާ ގުޅިގެން މިދިޔަ އަހަރު 1،661 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ 20 މިލިއަން ރުފިޔާގެ ސްކޭމް ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީން މިމަހުގެ މި މުއްދަތަށް 1،302 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު