ކިތަންމެ ގާނޫނެއް ހެދިޔަސް މައްސަލަ ހައްލު ނުވާނެ، ކަމަށާއި ހައްލަކީ އިދިކޮޅު އެމްޑީޕީއަށް ވެރިކަން ނުދިނުން ކަމަށް ވެރިކަން ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ގާނޫނު ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ކައުންސިލަރުން މަދުކުރުމަށްޓަކައި ކޯރަމް ހަމަވާ އަދަދު ކަމަށްވާ ތިން މެންބަރުން ކައުންސިލެއްގައި ތިއްބަވާ ނަމަ، ދެން ހުސްވާ ދެ ގޮޑީގެ ބައި އިލެކްޝަން ބާއްވަންޖެހޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އަދި ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ކޮމިޓީ ލެވެލްގައި ބަދަލުގެންނަވައި ކޯރަމް ހަމަވާ ނަމަ ބައި އިލެކްޝަންތައް ބާއްވަން ނުޖެހޭ ގޮތަށް ބިލު ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނުތަކަށް އެ އިސްލާހުތައް ގެންނަނީ ކުދި އާބާދީތަކުން ކައުންސިލަރުން މަދުކުރުމަށް ރައްޔިތުން ތާއީދުކުރާތީ ކަމަށެވެ. ތިން ކައުންސިލަރުން ތިބި ކައުންސިލްތަކަށް ދެ ކައުންސިލަރުން އިތުރު ކުރުމަށް އެމްޑީޕީ އިން ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން 430 ކައުންސިލަރުން އިތުރުވި އިރު، އެކަމުގެ ސަބަބުން މުސާރައިގެ ގޮތުގައި މަހަކު ހަތް މިލިއަން އަދި އަހަރަކު 84 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ހަރަދު ބޮޑުވާ ކަންތައްތަކުން ގައުމު ސަލާމަތްކުރަން ގާނޫނުތަކަށް އިސްލާހު ގެނައުން މުހިންމު ކަމަށެވެ. ނަމަވެސް އެ ބަދަލުތައް ކިތަންމެ ވަރަކަށް ގާނޫނަށް ގެނައި ނަމަވެސް އެމްޑީޕީން ވެރިކަމަށް އައިސްފި ނަމަ އެ ކަންތައްތައް އަނެއްކާވެސް ކުރިން އޮތް ގޮތަށް ބަދަލު ކުރާނެ ކަމަށާއި އެހެންކަމުން ގައުމު ސަލާމަތް ކުރެވޭނީ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ނުދީ، އެ ޕާޓީން ވެރިކަމަކަށް އަޔަނުދީގެން ކަމަށް ވިދާޅުވިއެވެ.