ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ނ. އަތޮޅުގައި، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ފަށައިފިއެވެ.
ނ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް އެ އަތޮޅުގެ މަނަދޫގައި މިއަދު ވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނީ ނ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެން ދިޔުމުގެ ސަބަބުން އެ އަތޮޅު ރައްޔިތުންނަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށިގެންދާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ މިއަދުން ފެށިގެން މިއަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާރްޓީއެލް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށެވެ. އެ މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯއްދެވުމަށް ގުޅަންޖެހޭނީ އެ ރަށެއްގެ ކައުންސިލަށް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ހަފުތާއެއްގެ މުއްދަތަށް ކަސްޓަމަރުންނަށް ހިލޭ ދަތުރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމުގެ އިތުރުން ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށެވެ.
"2 އޯގަސްޓް 2024 އިން ފެށިގެން ޒޯން 2 ގެ ނ. އަތޮޅުގެ އާރްޓީއެލް ފެރީ ހިދުމަތުން ފައިސާ ނެގުމަށް ހަމަޖެހިފައިވާކަން ދަންނަވަމެވެ. ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ އެވެ. އަދި އެދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ގަންނަން ބޭނުންކުރަން ވާނީ މި ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕްއެވެ. ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެގޮތުގެ ވީޑިއޯ އަޅުގަނޑުމެންގެ އާރްޓީއެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ޝާއިއު ކުރެވިފައިވާނެ އެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ،" އެމްޓީސީސީން ބުންޏެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް ހޯދާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު އާރްޓީއެލް ބްރޭންޑްގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށް، ތިން ރޫޓަކުން ލިބެން ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އާރްޓީއެލް ފެރީ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓު އަދި އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު 1650 އަށް ގުޅުމުން ލިބެން ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އާރްޓީއެލް ފެރީތަކަކީ 50 ފަސިންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ.
އާރްޓީއެލް ހިދުމަތް ނ. އަތޮޅުގައި ފެށުމަށް ފަހު ޖުމްލަ ނުވަ އަތޮޅެއްގައި މިހާރު އެ ހިދުމަތް އެމްޓީސީސީން ދަނީ ފޯރުކޮށްދެމުންނެވެ. އެއީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ޅ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު