މާލެ ސަރަހައްދުގައި މިހާރު ދުއްވާ ބޮޑެތި ބަސްތަކުގެ ބަދަލުގައި ކުދި ބަސްތައް ގެނައުމަށާއި ޓެކްސީ ލައިނެއް ތައާރަފްކުރަން "މާލެ ފަހި ޕްރޮގްރާމް" ގެ ނަމުގައި ސަރުކާރުގެ ރޭ ތައާރަފްކުރި ޕްރޮގްރާމް ގައި ހިމަނައިފިއެވެ.
މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހަދަން ޓްރާސްޕޯޓު މިނިސްޓަރީން އިސްނަގައިގެން ފެށި އެ ޕްރޮގްރާމްގައި ވަނީ، ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނައިފައެވެ.
އެ ކުރިއަށް ދާނެ ގޮތުގެ ޕްރޮގްރާމް ތަފްސީލު ހިމަނައި ރޭ އާއްމުކުރި ޕްރެޒެންޓޭޝަންގައި ވާ ގޮތުން މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ދުއްވާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ، ބަސްތައް އޮޕަރޭޓް ކުރަން ދަތިވެފައިވެއެވެ.
"ވުމާއެކު، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނަ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް، ބަދަލު ގެންނަން ޖެހިފައި ވެއެވެ،" އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.
އެ ޕްރެޒެންޓޭޝަންގައި ބުނީ، މާލެ ސަރަހައްދުގައި ސަލާމަތީ ގޮތުން ރައްކާތެރި އިތުބާރު ހިފޭ ޓެކްސީ ލައިނެއް ގާއިމް ކުރުމަކީ ވެސް އެ ޕްރޮގްރާމްގައި ކުރާނެ ކަމެކެވެ.
"...މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލައިގެން ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ." އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.
ޓެކްސީ ލައިނެއް ތައާރަފު ކުރުމުން ޑްރައިވަރުންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުވެގެންދާނެ ކަމަށްވެސް އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.0
ޚަބަރު
ޚަބަރު
ޚަބަރު