ރާއްޖޭގެ 13 ރަށެއްގައި ސޯލާ ނިޒާމު ހަރުކުރަން އިންވެސްޓަރުން ހޯދަން އެންވަޔަރަމަންޓް މިިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މަސައްކަތަށް އިންވެސްޓަރުން ހޯދަނީ ވޯލްޑް ބޭންކުގެ އެހީ އާއެކު އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސަލަރޭޓިން ރިނިއުވަބަލް އެނާޖީ އިންޓާގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) މަޝްރޫއުގެ ދަށުންނެވެ.
އެރައިސް މަޝްރޫއުއަކީ ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިޔާދަކުރަނިވި ހަކަތަ އިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނާ ގޮތުން، އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ 36 ރަށެއްގައި ސޯލާ ނިޒާމު ގާއިމުކޮށް، 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ތޭރަ ރަށެއްގައި ސޯލާ ހަރުކުރަން އިންވެސްޓަރުން ހޯދަން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، އެ މަސައްކަތުގެ ދަށުން ހަރުކުރާނީ 15 މެގަވޮޓްގެ ސޯލާއެވެ. އެ ނިޒާމުތައް ހަރުކުރަން ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައިގައި ލ. އަތޮޅުގެ ހަ ރަށެއްގައި ދެ މެގަވޮޓް ސޯލާ ހަރުކުރާނެއެވެ. އަދި ދެވަނަ ބައިގައި ހަތަރު އަތޮޅެއްގެ ހަތް ރަށުގައި 13 މެގަވޯޓް ސޯލާ ހަރުކުރަން ހަމަޖެހިފައިވެއެވެ.
- ލ. ހިތަދޫ
- ލ. ކުނަހަންދޫ
- ލ. މައިބާދޫ
- ލ. މާމެންދޫ
- ލ. މާވަށް
- ލ. ދަނބިދޫ
- ލ. އިސްދޫ
- ލ. ކަލައިދޫ
- ލ. ފޮނަދޫ
- ލ. ގަން
- ޅ. ނައިފަރު
- ގއ. ވިލިނގިލި
- ށ. ފޮނަދޫ
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ މަސައްކަތުގެ ދަށުން ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ކެޕިޓަލް ހަރަދުކޮށް، 20 އަހަރުގެ މުއްދަތައް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫއުގެ ބީލަން ކާމިޔާބުކުރާ ފަރާތުންނެވެ.
އަދި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ ކޮމްޕެޓެޓިވް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ފަރާތްތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތައް ވިއްކުމަށް އެންމެ ކުޑަ ރޭޓެއް ހުށަހަޅާ އިންވެސްޓަރަކަށް ނުވަތަ ކުންފުންޏަކަށް ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އޮންލައިންކޮށް އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ކުރާނެ ފަރާތެއް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޮވައި، އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު