ސަރުކާރާ މެދު ނަފުރަތު އުފައްދާ ފަރާތްތަކާ ދެކޮޅަށް ނުކުމެ ރައްޔިތުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިނީ "އޭ" ރިޕޯޓެއް ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަ ބައި-އިލެކްޝަންގެ ތެރެއިން ފަސް ބައި-އިލެކްޝަނެއް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރުމާ ގުޅިގެން، އެކްސްގައި މުބީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ސާފުވެގެން ގޮސްފައި ވަނީ ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް އިތުބާރުކުރައްވާކަން ކަމަށެވެ.
"އަދި (ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ސާފުވަނީ) ފާއިތުވި 8 މަސް ދުވަހު ދިވެހި ރައްޔިތުން ބަލައިގަންނަ ފަދަ ހިދުމަތްތަކެއް ރައީސް މުއިއްޒަށް ކުރެވިފައިވާ ކަން. ސަރުކާރާ މެދު ނަފްރަތު އުފައްދާ ފަރާތްތަކާ ދެކޮޅަށް ނުކުމެ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވީ އޭ ރިޕޯޓެއް،" ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި މުބީން ވިދާޅުވިއެވެ.
އިއްޔެ ވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގޮނޑިއަކާއި ފ. ބިލެއްދޫ ކައުންސިލަށް ރައީސަކު އިންތިހާބުކުރުމުގެ އިތުރުން ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި-އިލެކްޝަން ބާއްވައިފައެވެ.
- ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: އިބްރާހިމް އަހުމަދު (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: އަލީ އައިމަން (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: ފާތިމަތު އިޝާން އަލީ (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: ފާތިމަތު ޝައުފާ ސަލީން (ޕީއެންސީ)
- ފ. ބިލެއްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން: އަރީޝް އިސްމާއިލް (ޕީއެންސީ)
ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަ ކެންޑިޑޭޓެވެ.
މީގެ އިތުރުން ޅ އަތޮޅު ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިހާބު ކުރުމާއި ޅ. ހިންނަވަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށްވެސް އިއްޔެ ބައި އިލެކްޝަން ބާއްވަން ނިންމިއެވެ. ނަމަވެސް އެ ގޮނޑިތަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުން ވޯޓެއް ނެތި އެ ކެންޑިޑޭޓުން ވަނީ އިންތިހާބުވެފައެވެ. އެ ގޮނޑިތައްވެސް ލިބުނީ ޕީއެންސީއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު