އައްޑޫ ޕޮލިސް ކޮލެޖުން ބަލިވި 32 ކުދީންގެ ތެރެއިން އެއް ކުއްޖަކު އޮތީ އަދިވެސް އައިސީޔޫގައި ކަމަށާއި އެ ކުއްޖާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖު، ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކިޔަވަމުންދ އަންނަ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުނީ ރޭގައެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ، އެކަން ދިމާވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށާއި ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރު އަނބުރާ ކޮލެޖަށް ގެންދަމުންދާ ކަމަށެވެ. ނަމަވެސް ފަރުވާ ދެމުންދިޔައީ ކިތައް ދަރިވަރުންނަށް ކަމެއް ފުލުހުން ނުބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުންތަކެއް ބަލިވީ ކާނާ ވިހަވެގެންނެވެ.

ޕޮލިސް މީޑިޔާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވި އެއީ 32 ދަރިވަރުން ކަމަށާއި ދެ ކުއްޖަކު ފިޔަވައި ހުރިހާ ކުދީންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ވިހަވީ ކޮންކަހަލަ ކާނާއަކަށް ކަމެއް ސާފުވާނީ ލެބް ރިޕޯޓުތައް ލިބުމުން ކަމަށެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ނާސިން ކޯޑިނޭޓަރު "ވަން" އަށް މިއަދު ވިދާޅުވީ އެ ކުދީންގެ ތެރެއިން އައިސީޔޫގައި އޮތް ކުއްޖާވެސް "ސްޓޭބަލް" ވަމުން އަންނަ ކަމަށެވެ.

"އެކުދީންގެ ހާލު ރަނގަޅު. އައިސީޔޫގަ އޮތް ދެކުދީންގެ ތެރެއިން އެއްކުއްޖަކު ވޯޑަށް ޝިފްޓްކުރަނީ. ދެން އަނެއް ކުއްޖާ މިހާރު ސްޓޭބަލް ވަމުން އަންނަނީ" ނާސިންގް ކޯޑިނޭޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އަބްދުﷲ ވަހީދު (ޝިއުޒް) އާ ގުޅުމުން އަދި ޖަވާބެއް ވަނީ ނުލިބިފައެވެ.