އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖު، ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެކަން ދިމާވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށާއި ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރު އަނބުރާ ކޮލެޖަށް ގެންދަމުންދާ ކަމަށެވެ. ނަމަވެސް ފަރުވާ ދެމުންދަނީ ކިތައް ދަރިވަރުންނަށް ކަމެއް ފުލުހުން ނުބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުންތަކެއް ބަލިވީ ކާނާ ވިހަވެގެންނެވެ. ނަމަވެސް އެކަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންވެސް އަދި ކަށަވަރުކޮށެއް ނުދެއެވެ.