ލޯބިވެރިޔާއަށް ވަޅިން ބިރު ދައްކައި، މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ، ގދ. ތިނަދޫއަށް ނިސްބަތްވާ 22 އަހަރުގެ މީހެކެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ. އެއީ، ފުލުހުން ހުށަހަޅާފައިވާ ހެކި ގަރީނާއިން، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، އޭނާ ލޯނިވެރިޔާއަށް އަނިޔާކޮށްފާނެކަމުގެ ބިރު އޮތުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މީގެ ކުރިން 26 ފަހަރެއްގައި ބަންދު ރެކޯޑް އޮތް އެ މީހާއަކީ، އެ އަންހެން މީހާގެ ލޯބިވެރިޔާކަން އޭނާ ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އަދި މި މައްސަލައިގެ ތެރެއިން، ފުލުހުން ވަނީ، އެ ފިރިހެން މީހާގެ ދަބަހުން ވަޅިއެއް ހޯދައިފައެވެ.

ކޯޓުގައި އެ މީހާ ބުނީ، އޭނާއަކީ ޑައިވިންއަށް ދާ މީހެއް ކަމަށާއި އެ ވަޅިއަކީ ޑައިވިންއަށްދާއިރު ބޭނުންކުރާ ވަޅިއެއް ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ، އޭނާ މާރާމާރީ ހިންގިކަމަށް ބެލެވޭ ހެކި ކޯޓަށް ހުށަހަޅައިފައެވެ.