ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ މަސައްކަތްތަކާބެހޭގޮތުން ވަޒީރުންނާ ސުވާލު ކުރެއްވުމަށްޓަކައި، ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލިސް ގަވާއިދުގައި މިހާރު އޮތްގޮތް، ބަދަލުކޮށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރަން ނުޖެހޭގޮތަށް މަޖިލިސް ގަވާއިދު ބަދަލު ކުރަން، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެދިވަޑައިގެންފިއެވެ.

ފަލާހު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާ ކުރައްވަމުން ގެންދެވި ސުވާލުތަކާ ގުޅިގެންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވުމަށް ކުރިއަށް ގެންދެވި ވަގުތުގެ ތެރެއިން ފުރުސަތު ހޯއްދަވައިގެން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު "އެމްޑީޕީއަށް ނަސޭހަތެއް" ދެއްވަން ބޭނުންވާ ކަމަށެވެ.

ދެން ވިދާޅުވީ، ކުޅިވާރާ ބެހޭ ވަޒީރަކީ ޒުވާނުންނަށް އެންމެ ހާއްސަ ވަޒީރު ކަމަށާއި އެ ވަޒީރު ކޮންމެ ދުވަހަކު މަޖިލީހަށް ހާޒިރުކޮށް ކަމެއް ނެތް ކުދިކުދި ސުވާލު ކުރުމަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީ މެންބަރުން ހުއްޓާލަންޖެހޭ ކަމަށެވެ.

"ބަނގުރޫޓުކޮށްލާފައި އޮތް ޕްރޮޖެކްޓްތަކަށް ވަޒީރުންނާ ސުވާލު ކުރުމަށް ތިގެންނަވަނީ ކީއްވެގެންތޯ،" ފަލާހު އެމްޑީޕީއާ ސުވާލު ކުރެއްވިއެވެ.

އެއާ އެކު، ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލިސް ގަވައިދުގައި އޮންނަ މާއްދާއަށް އޭނާ ގެންނަން ބޭނުންވާ އިސްލާހުގެ ހިޔާލެއް މަޖިލިސް ރައީސަށް ދެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވަޒީރަކު، ރައްޔިތުންގެ މަޖލީހުގެ މެމްބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން ތިން ދުވަސް ތެެރޭ ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ، މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރާއިރު، ރަނގަޅުކަމެއްކަން ނޭނގެ އަޅުގަނޑަށްް ހީވަނީ ބަލާލަން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުއިއިރު މިހާރުއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އާންމު ކޮމިޓީން މިހާރު ދަނީ ކުރަމުންނެވެ. އެކަން ނިމެންދެން އަމަލު ކުރަމުން އަންނަނީ، ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަމަލު ކުރަމުން ގެންދިޔަ ގަވައިދަށެވެ.

އެ ގަވާއިދުގައިވާގޮތުން މެންބަރުންނަށް ވަޒީރުންނާ ލިޔުމުން ވެސް އަދި ވަޒީރު މަޖިލީހަށް ހާޒިރުކޮށްގެން ވެސް ކުރަން ބޭނުންވާ ސުވާލަކަށް ޖަވާބު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މެންބަރު އެކަމަށް އެދެންޖެހެނީ، މަޖިލީހުގެ ރައީސް މެދުވެރިކޮށް ވަޒީރަށް ފޮނުވާ ނޯޓިސްއަކުން ކަމަށަާއި، އެ ނޯޓިސްއަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ މުއްދަތެއް މަޖިލީހުގެ ރައީސް ވަޒީރަށް ދޭން ޖެހޭ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.