ކީރިތި ގުރުއާނާ ބެހޭ ހާއްސަ މައުރަޒެއް ރާއްޖޭގައި މުޅިން އަލަށް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހީންގެ ސަގާފަތަކީ ތުއްތުކުދީންނަށް އަކުރު އުނގަންނައިދޭން ފަށާ ހިސާބުން ކީރިތި ގުރުއާން ދަސްކޮށްދޭން ފަށައިދިނުން ކަމަށެވެ. ތުއްތުކުދީންނަށް އެންމެ ފުރަތަމަ ގުރުއާން އުނގަންނައިދެނީ އެ ކުދީންގެ މައިންބަފައިން ކަމަށާއި ވަކި ހިސާބަކަށް ދިއުމުން އެދުރުގެތަކަށް ފޮނުވައިގެން ތުއްދުކުދީންނަށް ކިޔަވައިދޭން ދަސްކޮށްދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިއުމުގެ ކުރީން ގުރުއާން ހަތިމުކޮށް ދަސްކިއުއްވުމަކީ ވެސް ދިވެހިންގެ ތެރޭގައި އޮންނަ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ ވެސް ގުރުއާނުގެ އިލްމު ހަލުވިކަމާއެކު ރާއްޖޭގައި ފެތުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރުއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރަން ވެސް އަޅުގަނޑު ގަސްތުކުރަން. މާތް ﷲގެ ވާގިފުޅާއެކު އެކަންވެސް ހަގީގަތަކަށް ހަދާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގައި މިހާރު ވަގުފު އިމާރާތެއްގެ ގޮތުގައި ހަމައެކަނި ހުރީ ދާރުލް އީމާން ކަމަށެވެ. އެހެންވެ "ދާރުއްސަލާމް" އަދި "ދާރުލްއަރްގަމް" ގެ ނަމުގައި އިތުރު ދެ ވަގުފު އިމާރާތެއް ހެދުމަށްވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ހިލޭ ކީރިތި ގުރުއާން ކިޔަވައިދޭ ކިލާސްތައް އިތުރުކޮށް، އެ ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހާފިޒުންނަށް މިހާރު ދެމުންގެންދާ އިނާޔަތް ދެ ގުނަ ބޮޑުކުރައްވާނެ ކަމަށާއި ގުރުޔުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މިއަންނަ އަހަރުން ފެށިގެން ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.