މާލޭގައި އާ ވަގުފު އިމާރާތްތަކެއް ހެދުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ފަށައިގެން ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވީ ގުރުއާނުގެ އިލްމު ފެތުރުމަށް ޓަކައި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ. އިސްލާމްދީނަށް ނަސްރު ލިބޭނީ ޤުރުއާނުގެ އިލްމު ފަތުރައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި މާލޭގައި އާ ވަގުފު ދެ އިމާރާތެއް ހެދުމަށް ނިންމައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ވަގުތު މާލޭގައި ހުރީ [ދާރުލް އީމާން]ގެ ނަމުގައި ހުރި އެންމެ ވަގުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ 6 މިލިޔަން ރުފިޔާ. މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން [ދާރުއްސަލާމް]ގެ ނަމުގައި އާ ވަފުގު އިމާރާތެއް އެޅުމަށް ޓަކައި މަސައްކަތްކުރެވެމުން އެބަދޭ. ހަމަ އެހެންމެ [ދާރުލްއަރްގަމް]ގެ ނަމުގައި އެހެން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކީރިތި ގުރުއާން ހިލޭ ކިޔެވޭނެ ކިލާސްތައް އިތުރުކޮށް އެ ހިދުމަތްވެސް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރައްވާނެ ކަމަށާއި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަންތައްތަކުގެ އިތުރުން ގުރުއާން އުނގަންނައި ދިނުމަށް، ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމު ކަމަކަށްވާތީ ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރާ ގުރުއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރަން ވެސް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ގުރުއާން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު