ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރަން ނިންމާފައިވާއިރު އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރަން ނިންމައި މި މަހުގެ ތިންވަނަ ދުވަހު ކުރި އިއުލާންގެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެޗްޑީސީން މިއަދު ބުނީ، ބިން ބޭނުންވެގެން އެދި ހުށަހެށި ފަރާތްތަކަށް ބިން ދޫކުރުމުގެ މަރުހަލާ ނިންމުމަށްފަހު ތިލަފުށީގައި ހުސްބިން ވާނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ނެގުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު ތިލަފުށިން ސިނާއި ބޭނުމަށް ބިން ކުއްޔަށް ނަގަން ފޯމު ހުށަހަޅާފައިވާތީ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބިން ވިއްކަން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ.

ތިލަފުށިން ސިނާއީ ބޭނުމަށް 108 ބިން ވިއްކަން ފުރަތަމަ ނިންމީ މި އަހަރުގެ މާޗު 20 ވަނަ ދުވަހުއެވެ. އެ ބިންތަކަކީ ޒޯން އޭގެ އޭރިއާގެ ބީ ގައިވާ ނުވިކި ހުރި ބިންތަކެވެ. އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 2،500-4،999 އަކަފޫޓުގެ 64 ބިމާއި 5،000-9،999 އަކަފޫޓުގެ 42 ބިމާއި 10،000-14،999 އަކަފޫޓުގެ ދެ ބިމެވެ.