ދައުލަތުގެ ކުންފުނިތަކާބެހޭ 896 މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރުވެސް ހުށަހަޅާފައި އެބަ އޮތް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި އޭސީސީން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލު ވިދާޅުވީ، ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބޮޑެތި ތުހުމަތުތައް ކުރެވޭ މައްސަލަތައް ހިމެނޭ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ތަހުގީގުކުރަނީ އެކި މަރުހަލާތަކުގައި ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކުންފުނިތަކާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 316 މައްސަލައަކީ ޕްލިމިނަރީ މަރުހަލާގައި ހިމެނޭ މައްސަލަތަކެއް ކަމަށާއި އޭގެ އިތުރުން 580 މައްސަލައަކީ އިތުރަށް ތަހުގީގުކުރާ މަރުހަލާގައި ހުރި މައްސަލަތަކެއް ކަަމަށް ވިދާޅުވިއެވެ.

ޝާމިލު ވިދާޅުވީ، މިހާރު ކޮމިޝަންގައި ހުރި މައްސަލަތަކުގެ އިތުރުން ކުންފުނިތަކާ ގުޅޭ މައްސަލަތައް ބަލައި އެ މައްސަލަތަކުން ފާހަގަކުރެވޭ ކަންތަން ރަނގަޅުކޮށް އަމަލު ކުރާނެ ގޮތްތައްވެސް ކުންފުނުތަކަށް 2015 ވަނަ އަހަރުން ފެށިގެން އަންގަމުން އަންނަ ކަަމަށެވެ. ނަމަވެސް އެ ކަންކަމަށް އަމަލުކުރަމުންދާ ގޮތެއް 2022 ވަނަ އަހަރާ ހަމައަށް ބެލިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ޝާމިލު އިތުރަށް ވިދާޅުވީ، ކޭސް މެނޭޖުމެންޓް ސިސްޓަމެއްގެ ދަށުން އެ ކަންތައްތައް ބެލޭނެ އިންތިޒާމެއް މިހާރު ކޮމިޝަންގައި ހަމަޖައްސާފައިވާ ކަމަށެވެ. އެ ސިސްޓަމުގެ ތެރެއިން ކުންފުނިތަކާ ގުޅޭ ގޮތުން ބަލާފައިވަނީ ކޮން މައްސަލަތަކެއްތޯއާއި ކޮމިޝަނުން ކުންފުނިތަކަށް އެންގީ ކޮން އެންގުމެއްތޯއާއި ރަނގަޅު ކުރަން އަންގާފައިވާ ކަންތައްތައް ރަނގަޅު ކުރުމުގައި ކުންފުނިތަކުން އަމަލުކޮށްފައިވަނީ ކޮންގޮތަަކަށްތޯ މިހާރު އެނގޭނެ ކަމަށް ވިދާޅުވިއެވެ.

ޝާމިލު ވިދާޅުވީ ރަނގަޅުކުރަން ކުންފުނިތަކަށް އަންގާފައިވާ ކަންތައްތަކަށް އަމަލު ނުކުރަނީ ގަސްތުގައިތޯ މިހާރު ބަަލަމުންދާ ކަމަށެވެ. އަދި އެގޮތަށް ގަސްތުގައި އެކަންތައްތަކަށް އަމަލުނުކުރާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.