ދައުލަތުން ގެއްލިފައިވާ ފައިސާގެ ތެރެއިން، މިދިޔަ 2023 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިދިޔަ 2023 ވަނަ އަހަރު ދައުލަތުން ހޯދަން އަންގާފައިވާ ފައިސާގެ އަދަދަކީ ކޮބައިތޯއާއި އެ ފައިސާ ހޯދަން ކުރަމުންދާ މަސަައްކަތްތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޝާމިލު ވިދާޅުވީ، ހޯދަން އެންގި ފައިސާގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކުން މި އަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކަށް ނިސްބަތްވާ 273،108.53 ރުފިޔާ ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.

ޝާމިލު ވިދާޅުވީ، މިފަހަރު އަނބުރާ ހޯދާފައިވާ ފައިސާއަކީ ހޯދަން އެންގި އަދަދުން ލިބިފައިވާ އެންމެ ބޮޑު އަދަދު ކަމަށާއި އިތުރު ފައިސާ ހޯދުމުގެ މަަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާބެހޭ ތަފުސީލެއްވެސް ނުދެއްވައެވެ.