މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އޮޅުން ފިލުވަންޖެހޭ މައުލޫމާތުތައް އޮޅުންފިލުވުމަށްޓަކައި، މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިނުގެންނެވުމުން އެ މަސައްކަތް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.
އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުން އަލީ ހާޝިމް ވަކި ކުރުމަށް ރައީސުލްޖުމްހޫރއިްޔާއަށް ލަފާ އެރުވުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ މައްސަލަ މަޖިލީހުގެ ރައީސަށް ފޮނުވުމުން އެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެކަމުގައި ޖަވާބުދާރީންވާން ގަވަރުނަރަށް ފުރުސަތު ދިނުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކޮށް، އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް މަޖިލިސް ތަޅުމުން ފާސްކޮށް އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވިއެވެ.
އެހެންކަމުން އެ މައްސަލައަށް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު، ގަވަރުނަރު އަލީ ހާޝިމް، ދައުލަތުގެ މާލީ ކަންކަމުގައި ފިނޭންސް މިނިސްޓްރީން އެދުނު ލަފައެއް ނުދީއޮތްތޯ އާއި އެ މިނިސްޓްރީއަށް އެއްބާރުލުން ދީފައިވޭތޯ ބެލުމަށްޓަކައި ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރަން ފާސްކުރިއެވެ.
އެއީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިގެންނެވެ. ނާޒިމް ވިދާޅުވީ، ސަރުކާރަށް ބޭނުންވާ ކިހާ ވަރެއްގެ އެއްބާރުލުމެއް ދިންތޯ ގަވަރުނަރު ކައިރިން އޮޅުންފިލުވަންޖެހޭ ކަމަށެވެ.
ނާޒިމުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
އޭނާ ވިދާޅުވީ، ކޮމިޓީން އޮޅުންފިލުވަން ޖެހެނީ ދައުލަތުން އެދިގެން އެއްވެސް މައުލޫމާތެއް ނުވަތަ އެއްވެސް އެއްބާރުލުމެއް ގަވަރުނަރު ދީފައިނުވޭތޯ ކަމަށެވެ.
ގަވަރުނަރު ހާޒިރުކޮށްގެން ކުރިއަށް ގެންދަން އޮތް ކޮމިޓީ ބައްދަލުވުން ތާވަލްކޮށްފައި އޮތީ މިއަދު 11:00 އަށެވެ.
ނަމަވެސް އެ ކޮމިޓީ ބައްދަލުވުން ފެއްޓެވުމަށްފަހު ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ކޮމިޓީއަށް ގަވަރުނަރު ފޮނުއްވާފައިވާ ސިޓިއެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލިސް ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓިން ކޮމިޓީގައި ގަވަރުނަރު ދަންނަވާފައިވާ ކަމަށްވސް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މިއަދު 11:00 ގައި އޮތް ކޮމިޓީ ބައްދަލުވުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސްބޭފުޅުން ވަނީ ހާޒިރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު