ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އައްޔަން ކުރުމަށްޓަކައި، އިސްމާއީލް ހަބީބު އަބްދުއްރަހީމް ގ. ގާކޮށި ފްލެޓް، ގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ހަބީބު މީގެކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ.

ނަމަވެސް އެ ކޮމިޝަން ގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މިދިޔަ މާޗް މަހު އޭނާ ވަނީ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ.

އެޗްއާރުސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލެއްވި ފުރުސަތުގައި އެކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަބީބު، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މިނިސްވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވިކަން، ޖަލްސާގެ ރިޔާސަތުން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.

ކޮމިޝަން މެންބަރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ހަބީބު ފިޔަވައި ދެން ތިއްބެވި، އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައްވެސް ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓުގައި ހިމަނުއްވާފައިވާނެ ކަމަށް އެމަނިކުފާނުގެ ސިޓީފުޅުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.