ފިރިހެން ދަރިން ވަރަށް ގިނަފަހަރު ނަމޫނާއަކަށް ބަލަނީ ބައްޕައެވެ. މިހާރު ޖަރުމަންވިލާތުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕޭނުގެ މިޑްފީލްޑަރު މިކެލް މެރީނޯގެ ފަރާތުންވެސް ފެނިގެންދިޔައީ މި މިސާލެވެ.
ޖަރުމަންވިލާތުގެ ސްޓުޓްގާޓް އެރީނާގައި ޖަރުމަނާއި ސްޕޭން ބައްދަލުކުރި ކުއާޓަރ ފައިނަލް މެޗުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑެއްޖަހައި ސްޕޭން މޮޅުކޮށްދިނުމަށްފަހު މެރީނޯ ދުވެފައިގޮސް އުފާފާޅުކުރީ ކޯނަރުދަނޑި ކައިރީގައެވެ. މިއީ އޭނާގެ ބައްޕަޔަށް ކުރި ހަދިޔާއެކެވެ.
މެރީނޯ ލަނޑުޖެހީ ޑަލނީ އޮލްމޯ ނަގައިދިން ހުރަހެއްގައި ފުންމައިގެންއަރައި ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މި ގޯލާއެކު މުޅި ސްޕޭން އުފަލުން ފޮޅުނެވެ. މުޅި ޖާރމަނީގެ ހިތްފަޅައިގެންގޮސް ކުދިކުދިވިއެވެ. މި ދަނޑިވަޅުގައި މެރީނޯ ހަނދާންކުރީ އޭނާގެ ބައްޕަގެ މަތިންނެވެ. ބައްޕައަކީވެސް ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެކެވެ.
މީގެ ތެއްތިރީސް އަހަރު ކުރިން ހަމަ މި ސްޓޭޑިއަމްގައި ލަނޑެއްޖެހުމަށްފަހު ބައްޕަވެސް ކޯނަރުދަނޑި ކައިރިއަށް ދުވެފައިގޮސް އުފާފާޅުކުރީ މިގޮތަށެވެ. ކޯނަރުދަނޑި ވަށައިގެން ބުރެއްޖެހީއެވެ. މެރީނޯގެ ބައްޕަގެ ނަމަކީ އަންޚެލް މެރީނޯއެވެ. އޭނާ ކުޅުނީ ސްޕޭނުގެ ކުލަބެއް ކަމަށްވާ އޮސަސޫނާއަށެވެ. ޔުއޭފާ ކަޕްގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އޮސަސޫނާ އާއި ޖަރުމަނީގެ ވީއެފްބީ ސްޓުޓްގާޓް ބައްދަލުކުރީ ސްޓުޓްގާޓް އެރީނާގައެވެ. އެ މެޗުން އޮސަސޫނާ މޮޅުވި ލަނޑު ޖަހައިދިނުމަށްފަހު އަންޚެލް ދުވެފައިގޮސް ކޯނަރުދަނޑި ވަށައިގެން ބުރެއްހަމަކޮށް ވަރަށް ގަދަޔަށް އުފާފާޅުކުރިއެވެ.
އޭނާގެ ގޯލް ފާހަގަކުރިގޮތުގެ ވާހަކަ އެދުވަސްވަރު ވަރަށް ގިނަ ނޫސްތަކުގައިވެސް ލިޔުނެވެ. ކޮންމެއަކަސް ވީއެފްބީ ސްޓުޓްގާޓް އެފަހަރު ބަލިވެ އެޓީމުގެ ޖަރުމަން ސަޕޯޓަރުންގެ ހިތްތައް ކުދިކުދިކޮށްލީ އަންޚެލް މެރީނޯއެވެ. ބައްޕަ ގޯލްޖެހީ ކުލަބް ފުޓްބޯޅަ މުބާރާތެއްގައެވެ. ޖަރުމަނުގެ ކުލަބަކާ ދެކޮޅަށެވެ. ދަރިފުޅު މިކެލް ހަމަ އެ ސްޓޭޑިއަމްގައި ގޯލްޖެހީ ޔޫރަޕުގެ އެންމެ ޝަރަފުވެރި އެންމެ ބޮޑު މުބާރާތުގައެވެ. ޖަރުމަނީގެ ގައުމީ ޓީމާ ދެކޮޅަށެވެ.
މިކެލްއަށް ގަބޫލުކުރެވުނީ ތެއްތިރީސް އަހަރު ކުރިން ބައްޕަވެސް އަމަލުކުރި ގޮތަށް އަމަލް ކުރުން މޮޅުކަމަށެވެ. ބައްޕަ އެގޯލް ޖެހިއިރު މިކެލް އަދި ދުނިޔެއަކަށްވެސް ނާދެއެވެ. އޭނާ އުފަންވީވެސް އޭގެ ފަސް އަހަރު ފަހުންނެވެ. އެކަމަކު އާއިލާ ތެރޭގައި އެވާހަކަ ދެކެވޭތީއާއި އަދި ވީޑިއޯވެސް ބެލުން އޮންނާތީ އެ މަންޒަރު މިކެލްގެ ސިކުނޑީގައި އޮތީ ބިންވަޅު ނެގިފަައެވެ. ޖަރުމަނާ ދެކޮޅަށް މިކެލް ނެރުނީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގެ ފަހު ދިހަ މިނިޓް ތެރޭގައެވެ. އުމުރުން 28 އަހަރުވީ މިކެލް މެރީނޯގެ ކުލަބަކީ ސްޕޭނުގެ ރެއާލް ސޮސިއެޑާޑެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު