ކެންޔާގައި ނަގަމުންދާ ޓެކްސްތަކުގެ ރޭޓުތައް ބޮޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ކުރިއަށް ގެންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ކެބިނެޓް އުވާލައްވަން އެ ގައުމުގެ ރައީސް ވިލިއަމް ރޫޓޯ ނިންމަވައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ އެގޮތަށް ނިންމެވީ ޓެކްސް ބިލާއި ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ޕްރެޝަރުގެ ސަބަބުންނެވެ.

އިއްޔެ ގައުމާ މުހާތަބުކުރައްވަމުން ރޫޓޯ ވަނީ އެ ގައުމުގެ ސިޔާސީ މަޝްރަހު ހަމަޔަކަށް އެޅުމަށް ގެންނަ ގިނަ ބަދަލުތަކުގެ ތެރެއިން ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ކެންޔާގެ ކެބިނެޓް އުވާލި ނަމަވެސް، ނައިބު ރައީސް އާއި ޕްރައިމް ކެބިނެޓް ސެކްރެޓަރީގެ މަގާމު ރޫޓޯއަކަށް އުވާލުމުގެ ބާރެއް ނޯވެއެވެ. ކެންޔާގެ ކެބިނެޓުގައި ހިމެނޭ ޕްރައިމް ކެބިނެޓް ސެކްރެޓަރީއަކީ އެ ގައުމުގެ ފޮރިން މިނިސްޓަރެވެ.

ކެންޔާގެ ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ ދަރަނި ދެއްކުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. ނަމަވެސް އެކަމުގެ ސަބަބުން އާންމުން އުފުލަންޖެހޭ ބުރަ ބޮޑުވާނެ ކަމަށް ބުނެ އެތައް ބަޔަކު މަގުތަކަށް ނުކުުމެ މުޒާހަރާ ކުރަން ފެށިއެވެ.

އެ މުޒާހަރާތައް ހޫނުވެ އެ ގައުމުގެ މަޖިލީހަށް އާންމުން ވަދެގަނެ އެތަނުގައި ހުޅުޖަހާފައިވާއިރު، މުޒާހަރާގައި މިހާތަނަށް 39 މީހުން ވަނީ މަރުވެފައެވެ.