ބޮޑު ދެ ސްކޭމަކުން ފޭރިގަތް 2.4 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ބައެއް ފައިސާ ޖަލު އޮފިސަރުންގެ ތެރެއިން ބަޔަކަށް ލިބުނު ކަމަށް ފުލުުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އާއްމު ފަރުދެއްގެ އެކައުންޓުން، ސްކޭމްކޮށްގެން 587000 ރުފިޔާ ހޯދައިފައިވާ މައްސަލައަކާއި މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު، ޕްރޮޖެކްޓަކަށް މުދާ ސަޕްލައިކޮށްދޭން ބޭނުންވާ ކަމަށް ބުނެ، ކުންފުންޏެއްގެ ހިއްސާދާރެއްގެ އެކައުންޓުންނާއި އޭނާ ހިއްސާވާ ވިޔަފާރީގެ އެކައުންޓުން ޖުމްލަ 1.9 މިލިއަން ރުފިޔާ ސްކޭމްކޮށްގެން ހޯދި މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އެ ދެ މައްސަލައިގެ ތަހުގީގުގައި ވެސް މާފުށި ޖަލު ބަލައި ފާސްކޮށް މޯބައިލް ފޯނުތަކަކާއި އެއާ ގުޅޭ އާލާތްތައް ހޯދި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓި ސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް، އިންސްޕެކްޓަރް އޮފް ޕޮލިސް، ޝާމް މުހައްމަދު ވިދާޅުވީ، ޖަލު އޮފިސަރުންނަށް އެ ދެ މައްސަލައިގައިވެސް ފައިސާ ގޮސްފައިވާ ކަމަށެވެ.
"އެ އޮޕަރޭޝަނާ ގުޅިގެން [ޖަލަށް މޯބައިލް ފޯނާއި އެހެނިހެން ތަކެތި އެތެރެކުރަން އެހީތެރިވި އޮފިސަރުން ހައްުޔަރުކުރި އޮޕަރޭޝަނާ ގުޅިގެން] މައްސަލަ މިހާރު ދަނީ ތަހުގީގު ކުރެވެމުން، އެހެންކަމުން އަޅުގަނޑުމެން އެ މައްސަލައިގެ ޑީޓެއިލްއަކަށް ނުވެއް ދާނަން. އެެހެން ނަމަވެސް މި ދެ މައްސަލައިގެ ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ބައެއް ފަރާތްތަކަށް ފައިސާ ގޮސްފައިވާކަން،" ޝާމް ވިދާޅުވި އެވެ.
ޝާމް އިތުރަށް ވިދާޅުވީ، ޖަލުން ފާސްކުރި ގޮޅިތަކުން ނޯޓު ފޮތްތަކެއްވެސް ފެނިފައިވާ ކަމަށާއި އޭގައި އެކައުންޓު ނަންބަރުތަކާއި ފައިސާ ފޮނުވާނެ ގޮތްވެސް ލިޔެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު