ތަރުކާރީ އާއި މޭވޭގެ ބާވަތްތައް އިންޑިއާއިން ސީދާ އައްޑޫ ސިޓީއަށް ގެންނަން ބޯޓުފަހަރުތައް ބާއްވަން ފަށައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޖީހު "ވަން" އަށް މިރޭ ވިދާޅުވީ އިންޑިއާއިން، އައްޑުއަށް ގެންނަ ތަރުކާރީ އާއި މޭވާގެ ފުރަތަމަ ޝިޕްމެންޓް ހިފައިގެން މާދަމޭ ރޭ 8:00 ގައި ބޯޓު ހިތަދޫ ޕޯޓަށް ދާނެ ކަމަށެވެ. އެއީ 150 ޓަނުގެ ޝިޕްމެންޓެވެ. އެ ޝިޕްމެންޓުގައި ތަރުކާރީ އާއި މޭވާގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއިން، އައްޑުއަށް ސީދާ މުދާ އެތެރެކުރަން ފަށައިފައިވަނީ ތަކެތީގެ އަގުހެޔޮ ކުރުމުގެ ގޮތުން ކަމަށް ވަޖީހު ވިދާޅުވިއެވެ.
"އިންޑިއާއިން މާލެއަށް މުދާ ގެނައީމަ މިވާ ގޮތަކީ އެ ބޭފުޅުން (ވިޔަފާރިވެރިން) އޭތި ގުދަން ކުރާނެ، ޓްރާންސްޕޯޓް ކުރަންޖެހޭނެ، މުވައްޒަފުން މުސާރަދޭން ޖެހޭނެ. އެ ހުރިހާ އެއްޗެއް ހިމަނައިގެން އަގު ހަދާއިރު އަގު އެބަ ބޮޑުވޭ. އެކަމަކު ސީދާ، އައްޑުއަށް މުދާ އެތެރެކުރުމުން އެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ އައްޑޫ އާއި ފުވައްމަލަކުގައި. އެހެންކަމުން އެ ދެ ސިޓީގައި ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ވަޖީހު ވިދާޅުވިއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަޖީހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭއަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމަށް ވަޖީހު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވަނީ މީގެ ކުރިން މި ހިދުމަތް ދެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، އެ ހިދުމަތް ދެވެނީ އަހަރުގެ ތެރޭގައި ވަކި ދުވަސްތަކެއްގައި ކަމަށެވެ. އެހެންކަމުން އައްޑޫއަށް ބޭނުންވާ އެ ފަދަ މުދާ ގެންނަން ޖެހެނީ މާލެއިން ކަމަށެވެ. ނަމަވެސް މި މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސްތަކެއްގައި ވެސް މެދު ކެނޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެ ކަމަށް ވަޖީހު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވަޖީހު ވިދާޅުވެފައިވަނީ އާއްމު ގޮތެއްގައި އެ ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީގެ އެހެން ބާވަތްތަކާއި މޭވާގެ ބާވަތްތައް ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އިންޑިއާއިން ގެންދަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި ޖެނެރަލް ކާގޯގެ ބާވަތްތައްވެސް ގެންދެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ވަޖީހު ވިދާޅުވި ގޮތުގައި ދަތުރުތައް ރާވަމުން ދަނީ ކޮންމެ ދިހަ ދުވަހަކާއި 15 ދުވަހާ ދޭތެރޭ، ކާގޯ ބޯޓެއް އައްޑުއަށް ދާ ގޮތަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި