އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަށް އެމްޑީޕީގެ މާލޭ ސިޓީގެ ރައީސްގެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމައި، އޭނާއަށް އެކަން އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރަކަށް ރީކޯ ހުންނެވި އިރު، އެމްޑީޕީން ނެރުނު ވިޕްލައިނަކާ ހިލާފަށް ވޯޓު ދެއްވި ކަމަށް ބުނެ އެމްޑީޕީން ވަނީ އޭނާ އެ ޕާޓީން ވަކިކޮށްފައެވެ.

ރީކޯ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމައި އެކަން ވެސް ރީކޯއަށް އެމްޑީޕީން ވަނީ މީގެ ކުރިން އަންގައިފައެވެ.

ރީކޯ ވަނީ އެކަން އިސްތިއުނާފު ކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް އެ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ވަނީ ނިންމައިފައެވެ.

އެ ނިންމުން އޮތްވައި ރީކޯ ވަނީ އެމްޑިޕީގެ ބައި-އިލެކްޝަންގައި ވާދަކުރަން ނިންމަވައި ފޯމު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމްޑީޕީން ރީކޯގެ ހުށަހެޅުން ބަލައިނުގަތުމަށެވެ.

އެކަމާ ގުޅިގެން ރީކޯ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން އޭނާއާ މެދު އެގޮތަށް ކަންކުރީ ކޮން ސަބަބަކީ ގުޅިގެންތޯ ކަމަށެވެ.

"އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ކުޑަ ވެސް ފުރުސަތެއް ނެތް. 2014 ގައި ޕާޓީން ކަނޑާލީ ވެސް ނަޝީދުއަށް ވެރިކަން ލިބުމުގެ ހުރަހަކަށްވާތީކަން ޔަގީން، މިހާރު ވެސް އެ ބިރު،" ރީކޯ ވިދާޅުވިއެވެ.

އެމްޑީޕީން، މޫސާ ވަކިކުރުމަށް އެ ޕާޓީން ނިންމީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރަން ވޯޓު ނުދިނުމަށް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ހިލާފުވެފައިވާތީއެވެ.

ރީކޯ މޫސާއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ. ރީކޯ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފޯމު ވެސް ހަވާލުކުރެއްވީ ރައީސް ސޯލިހާއެވެ. އަދި އެކަމަށް ހާއްސަ ޖަލްސާއެއް މުލިއާގޭގައި ވަނީ ބާއްވައިފައެވެ.