މި އަހަރުގެ ޓީ-20 ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކުރަން ރާއްޖެ ޒިޔާރަތް އައުމަށް އިންޑިއާގެ ކްރިކެޓް ޓީމަށް ރާއްޖެ އިން ދައުވަތު ދީފިއެވެ.

އެމްއެމްޕީއާރުސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިއާގެ ކްރިކެޓް ޓީމުގެ ކާމިޔާބީ ރާއްޖޭގައި ފާހަގަކުރުމަށް އެ ކޯޕަރޭޝަނާއި މަޓީގެ ފަރާތުން ރަސްމީކޮށް އިންޑިއާގެ ގައުމީ ޓީމަށް ދައުވަތު ދީފައިވާ ކަމަށެވެ.

ސިޓީއަކުން ފޮނުވި އެ ދައުވަތުގައި އިންޑިއާގެ ޓީމަށް ރާއްޖެއިން، ހަނދާނުން ފުހެލަން ދަތި އަދި ހިތްފަސޭހަ ޗުއްޓީއެއް ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށް ބުނެފައިވާ ކަމާއި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ސަގާފީ އަދި ކުޅިވަރުގެ ގުޅުންތަކުގެ މައްޗަށްވެސް އަލިއަޅުވާލައިފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ އިންޑިއާއަށް ލިބުނު އުފަލުގައި ރާއްޖެ އިން ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ޝަރަފެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެފައިވާ ކަމަށެވެ.

އިންޑިއާގެ ކްރިކެޓު ޓީމު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ދައުވަތު ދީފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން އިންޑިއާ މިހާރު އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ހަވަނައިގައެވެ.