ޖިނާއީ މައްސަލަތައް ސާބިތުވާ މީހުންނަށް ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ ނަމަ، އެ މީހުންގެ އަދަބު ޖަލު ބަންދަށް ބަދަލުކުރަން ކޯޓުގައި އެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ކޯޓުގެ ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ދައްކަން ކަނޑައަޅައިފައިވާ މުއްދަތުގައި އެ ފައިސާ ނުދައްކާ ފަރާތެއްގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން، ޕީޖީ އޮފީހަށް އަންގާތާ 30 ދުވަހުގެ ތެރޭގައި އެ މީހެއްގެ ޖޫރިމާނާގެ އަދަބު، ޖަލު ބަންދަށް ބަދަލުކުރަން 30 ދުވަހުގެ ތެރޭގައި ކޯޓުގައި އެދެވޭނެ ކަމަށެވެ. އެއީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ކަމަށްވެސް ބުންޏެވެ.

"މި އުސޫލާ ހަވާލާދީ، ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް މީރާ އިން މި އޮފީހަށް ދޭ މައުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް މި އޮފީހުން މި ގެންދަނީ ދަށު ކޯޓަށް ހުށަހަޅަމުން،" ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ކޯޓުން މީހެއްގެ މައްޗަށް ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅަނީ އެ މީހަކަށް އެ ފައިސާއެއް ދެއްކޭނެކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އެހެންކަމުން ކޯޓުން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ނުދެއްކުމަށް ދެއްކޭނެ ހުއްޖަތެއް އޮވެގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، ޖަލު ހުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރަނީ އިސްތިސްނާ ހާލަތްތަކުގައި ކަމަށާއި ގާނޫނުލްއުގޫބާތުން ދީފައިވާ އެ ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އިސްތިސްނާއީ ހާލަތުގެ ދަށުން ކަނޑައަޅާ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ އެ މީހަކު އެ ކުރި ކުށަށް އަދަބު ނުލިބުން ކަމަށްވެސް ބުންޏެވެ.