ރާއްޖޭގައި އުފައްދާ ޔޫނިއަންތަކުގައި ހަރަކާތްތެރިވެވޭނީ 16 އަހަރުންމަތީގެ ޒުވާނުންނަށް ކަމަށް ކަނޑައަޅައި، ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ޔޫނިއަންތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ ގަވާއިދު ގެޒެޓުކޮށްފިއެވެ.

މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި ގަވާއިދުގައިވާ ގޮތުން ޔޫނިއަންތައް ރަޖިސްޓަރީކޮށް ހިންގުމާއި ޔޫނިއަންގެ މެންބަރުންގެ ގޮތުގައި މަސައްކަތްކުރެވޭނީ އުމުރުން 16 އަހަރުން މަތީގެ ޒުވާނުންނަށެވެ. ނަމަވެސް 18 އަހަރުން ދަށުގެ ކުދިންނަށް ޔޫނިންއަނެއްގައި މަސައްކަތްކުރެވޭނީ ބެލެނިވެރިންގެ ހުއްދައާއެކުގައެވެ.

އަދި 18 އަހަރުނުވާ ކުދިންނަށް ޔޫނިއަންގެ އޮފިސަރަކަށް ނުވެވޭނެއެވެ. ބިދޭސިންނަށް ޔޫނިއަނެއްގައި މަސައްކަތް ކުރެވޭނީ ވާކް ޕާމިޓްގެ ދަށުން ވަކި ހާއްސަ ކަމަކަށް ރާއްޖެ އެތެރެވާ މީހުންނަށް އެ މަސައްކަތުގެ ދާއިރާއަކުންނެވެ.

ޔޫނިއަންތައް ރަޖިސްޓަރީކުރަން 5000 ރުފިޔާގެ ފީއެއް ނަގާއިރު، ހަތް މީހުންގެ ސޮއި ބޭނުންވެއެވެ. އަދި ޔޫނިއަން އުފައްދަން ކަމާގުޅޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަވާނަމަ ތިން ދުވަސް ތެރޭގައި ރަޖިސްޓަރީކޮށްދޭން ޖެހެއެވެ.

އެ ގަވާއިދުގައި އިތުރަށް ވަނީ އެއް ބާވަތެއްގެ ދެ ޔޫނިއަނެއް ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަނެއް ނަމަ، އެއްކޮށްލައިގެން ވަކި އިތުރު ޔޫނިއަނެއް އުފެއްދިދާނެއެވެ. ނަމަަވެސް އޭރުން ވަކިވަކި ޔޫނިއަންތައް އުވި، އެ ޔޫނިއަންތަކުގެ މުދަލާއި ދަރަނި އަދި އާންމު މެންބަރުން އާ ޔޫނިއަންގެ ދަށަށް ބަދަލުވެއެވެ. އަދި ވަކިވަކި ޔޫނިއަންތަކުގެ ގާނޫނާއި ގަވައިދުތައް ނެތިގެންދެއެވެ.

  • މަސައްކަތްތެރިންގެ ޔޫނިއަން ރަޖިސްޓްރީކުރުމަށް 5000 ރުފިޔާ
  • ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަން ރަޖިސްޓްރީކުރުމަށް 5000 ރުފިޔާ
  • ދޭއް ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލުމުން 5000 ރުފިޔާ
  • ޔޫނިއަން ރަޖިސްޓްރީކުރުމަށް ފަހު ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ގެނައުމަށް 500 ރުފިޔާ
  • ޔޫނިއަން ރަޖިސްޓްރީ ގެއްލިގެން އާ ރަޖިސްޓްރީއެއް ހެދުމަށް 500 ރުފިޔާ
  • މަސައްކަތްތެރިންގެ ފެޑެރޭޝަން ރަޖިސްޓްރީކުރުމަށް 10،000 ރުފިޔާ
  • ފެޑެރޭޝަން ރަޖިސްޓްރީ ކުރުމަށްފަހު ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ގެނައުމަށް 500 ރުފިޔާ
  • ފެޑެރޭޝަން ރަޖިސްޓްރީ އާ ރަޖިސްޓްރީއެއް ހެދުމަށް 500 ރުފިޔާ
  • ނޭޝަނަލް ޔޫނިއަން ސެންޓާ ރަޖިސްޓްރީކުރުމަށް 15،000 ރުފިޔާ
  • ނޭޝަނަލް އެމްޕްލޯޔާސް ޔޫނިއަން ރަޖިސްޓްރީކުރުމަށް 15،000 ރުފިޔާ
  • ނޭޝަނަލް އެމްޕްލޯޔާސް ޔޫނިއަން ރަޖިސްޓްރީ ގެއްލިގެން ނުވަތަ ކުރުމަށް ނޭޝަނަލް ޔޫނިއަން ސެންޓާ ރަޖިސްޓްރީ ނުވަތަ ގެއްލިގެން އާ ރަޖިސްޓްރީއެއް ހައްދާނަމަ 500 ރުފިޔާ