ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ އޮފީސް) ގައި އެއްވެސް ވަރަކަށް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުގެ މަސައްކަތްތައް ރާވާލާފައި ވަނީ ކޮރަޕްޝަނަށް އެއްވެސް ގޮތަކަށް މަގުފަހި ނުވާ ގޮތަށް ކަމަށެވެ.

"އެއީ އަޅުގަނޑުމެން ކޮންމެހެން މާ މޮޅުވެގެނެއް ނޫން، ކޮރަޕްޝަން ނުހިންގޭ ނިޒާމުތަކެއް ގާއިމް ކުރެވިގެން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތިން މީހުން ވެގެން ނޫނީ ޕީޖީ އޮފީހުގެ އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ މީހަކު، އެމީހަކަށް ފެންނަ ގޮތް ލިޔަން ޖެހޭނެ ކަމަށާއި އެއީ ފެންނަން އޮންނާނެ ލިއުމެއް ކަމަށާއި އޭނާ ކީކޭތޯ ބުނީ ފަހުންވެސް ބަލައިލަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނެއް ކަމަކީ އަހަރަކު އެއްފަހަރު މުވައްޒަފުންގެ މަސައްކަތް އެއްކޮށް ބަދަލު ކޮށްލުން ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ ހުރިހާ މަސައްކަތެއް އެއްކޮށް ބަދަލުވާނެ، ޑްރަގް މައްސަލަތަކުގައި ކޯޓަށް ވަޑައިގަންނަވާ ބޭފުޅުން އަންނަ އަހަރު ދާންޖެހިދާނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ނުވަތަ ޓެރިޒަމްގެ މައްސަލަތަކުގައި،"

އޭގެ އިތުރުން ރެންޑަމްކޮށް ބައެއް މައްސަލަތައް އެހެން ބޭފުޅުންނާ ހަވާލުކުރާ ކަމަށާއި އެއީ ކުރިން ކޯޓަށްދާން އޮތް ބޭފުޅަކު އެހެން މައްސަލައަށް ބަދަލުކޮށް އެ މައްސަލައަށް ފޮނުވުން ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެހެން ހަދަނީ ކޮރަޕްޓް ނެޓްވޯކެއްވެސް އުފެދުނަ ނުދިނުމަށެވެ. އެހެންކަމުން ނިޒާމުގެ ތަރުތީބުތަކުގެ ތެރެއިން ޕީޖީ އޮފީހުގައި ކޮރަޕްޝަން ނުހިނގާނެކަން ޔަގީން ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.