ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރާމީ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހަކީ އޭރުއޮތް އެމްޑީޕީ ސަރުކާރުގެ ބޮޑު އަގުލަބިއްޔަތެއް އޮތް މަޖިލީހެއް ކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ، އެޖެންޑާ 19ގެ ގޮތުގައި މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީސް އައީ ގައުމަށް އިހްލާސްތެރި ބަދަލުތަކެއް ގެންނާނެކަމުގެ ވައުދުތަކާ އެކުގައި ކަމަށެވެ. ނަމަވެސް ސަރުކާރު އޮވެ އެ މަޖިލީހުން ކުޅުނީ ޑްރާމާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ މަޖިލީހަށް މަޖިލިސް މެންބަރުންގެ އަދަދު މަދުކޮށް މެންބަރުންގެ މުސާރަ ކުޑަކުރުމާއި ދައުލަތާއި މުވައްސަސާތަކުގެ ހަރަދު ކުޑަކުރުމުގެ ފުރިހަމަ ފުރުސަތު ލިބުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް 19 ވަނަ މަޖިލީހުން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން 600 ކައުންސިލަރުން އިތުރުވެ، ދައުލަތުގެ ބަޖެޓަށް އެއް ބިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި އިތުރުވެގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މަޖިލިސް މެންބަރުން މަދު ކުރުމަށް 19 ވަނަ މަޖިލީހަށް ވެސް ހުށަހެޅި އިރު، އެ މަޖިލީހުން އޭރު އެކަން ނިންމި ނަމަ، މިހާރު އޮތް 20 ވަނަ މަޖިލީހަށް އެކަން ކުރަން ނުޖެހުނީސް ކަމަށްވެސް ވިދާޅުވިއެވެ. އަދި 20 ވަނަ މަޖިލިސް އޮންނާނީ ސައިޒު ކުޑަ ދަލަތަށް، ބުރަ ކުޑަ ދައުލަތަށް ފައިސާ އިތުރު ކުރެވޭ މަޖިލީހެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފަލާހު ވިދާޅުވީ، 19 ވަނަ މަޖިލީހާ ހިލާފަށް މިހާރު އޮތް 20 ވަނަ މަޖިލީހުން ކަންތައް ކުރާނީ ރައްޔިތުންނަށް ދެތުވެރި އިހުލާސްތެރި ކަމާއެކުގައި ކަމަށެވެ. އެގޮތުން 20 ވަނަ މަޖިލީހުން މެންބަރުންގެ އަދަދު ކުޑަކުރާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.