އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމަކީ ނަމޫނާ މެންބަރެއް ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ތައުރީފު ކުރައްވައިފިއެވެ.

މެންބަރު ފަލާހު މެންބަރު މީކާއީލަށް ތައުރީފު ކުރެއްވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހަކީ އޭރު އޮތް އެމްޑީޕީ ސަރުކާރުގެ ބޮޑު އަގުލަބިއްޔަތެއް އޮތް މަޖިލީހެއް ކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ، އެޖެންޑާ 19ގެ ގޮތުގައި މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީސް އައީ ގައުމަށް އިހުލާސްތެރި ބަދަލުތަކެއް ގެންނާނެކަމުގެ ވައުދުތަކާ އެކުގައި ކަމަށެވެ. ނަމަވެސް ސަރުކާރު އޮވެ، އެ މަޖިލީހުން ކުޅުނީ ޑްރާމާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ މަޖިލީހަށް މަޖިލިސް މެންބަރުންގެ އަދަދު މަދުކޮށް މެންބަރުންގެ މުސާރަ ކުޑަކުރުމާއި ދައުލަތާއި މުވައްސަސާތަކުގެ ހަރަދު ކުޑަކުރުމުގެ ފުރިހަމަ ފުރުސަތު ލިބުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފަލާހު ވިދާޅުވީ، އެ މަޖިލީހުގައި ވެސް އަދި މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ފާހަގަ ކޮށްލެވެނީ އިހުލާސްތެރި މެންބަރެއްގެ ގޮތުގައި ކަމަށެވެ.

"އެ މެންބަރު ކުޑަ ދޮށުގައި ވާހަކަދައްކަވަމުން ވިދާޅުވި ރައީސް މުއިއްޒު ގައުމަށް ގެންނަވާ ބަދަލުތަކަކީ ގައުމަށް މުހިއްމު ފައިދާ ހުރި ބަދަލުތަކެއް ކަމަށް، ވަރަށް ތާއީދު ކުރެއްވި އެ ބަދަލުތަކަށް، އެ މެންބަރަކީ ގައުމަށް އިހްލާސްތެރި މެންބަރެއް، އެ ދާއިރާގެ ރައްޔިތުން އެ މެންބަރަށްޓަކައި ފަހުރުވެރިވާނެ،" މީކާއީލަށް ތައުރީފް ކުރައްވަމުން ފަލާހު ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް މެންބަރެއްގެ ގޮތުގައި އެ ދާއިރާގެ މެންބަރުން ދެން އަންނަ މަޖިލީހަކަށް ވެސް މީކާއީލް އިންތިހާބު ކުރާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މުހިއްމު ކަަމަކީ ސަރުކާރުން މިގެންނަ ބަދަލުތަކަކީ ނުބައި ބަދަލުތަކެއް ކަމަށް ނުދެކުން ކަމަށެވެ. ވަކި ޕާޓީއަށް ނިސްބަތްވުމަކުން ގައުމަށް ގެއްލުން ހުރި ވާހަތައް އެއްވެސް މެންބަރަކު ދައްކަންނުޖެހޭ ކަމަށެވެ.

ރައްޔިތުން އުފާ ކުރާނެ ބަދަލުތަކެއް މި ސަރުކާރުން ގެންނާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.