ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިތުރު އިންޝުއަރެންސް ލިބޭކަށް ނުޖެހޭ ކަމަށާއި މެންބަރުކަމުން ވަކިވުމުން މިހާރު ދެމުން އަންނަ އިނާޔަތްވެސް ދޭން ނުޖެހޭ ކަމަށް ބާރަށު ދާއުރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރެންސް ހިދުމަތަކީ އޭނާ މެންބަރުކަމުން ވަކިވުމުންވެސް އުމުރު ދުވަކަށް ލިބެންޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ގައުމުގެ ވެރިކަން ކުރާ މީހުންނަށް އިނާޔަތްތަކާއި ފަނޑިޔާރުންގެ އިނާޔަތްތަކަށް ބަދަލު އަންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ އޭނާ ވިދާޅުވީ ބޭނުންވަނީ ހަމަހަމަ ކަމާއެކު ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް އޮންނަ ހަމަޖެހޭ އިންޝުއަރެންސް ނިޒާމެއް ކަމަށެވެ.

"މަޖިލިސް މެންބަރުންނަށް އާސަންދަ އޮވޭ، އަދި ލިބޭ ވަކިން އިތުރު އިންޝުއަރެންސް، ސަރުކާރު ހިއްސާވާކުން ފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް އާސަންދަ ލިބޭ އަދި ލިބޭ ކުންފުނިން ލިބޭ އިންޝުއަރެންސް، މީ ދައުލަތަށް ބުރަ ބޮޑުވާކަމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެންބަރުކަން ކޮށްފައި ވަކިވެގެންދާއިރު އިނާޔަތް ލިބޭ ގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ.