ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބެންވީ ފެހި ގާނޫނު އަސާސީ ވުޖޫދު ވީއިރު އޮތް އަދަދު ކަމަށްވާ 77 މެންބަރުންކަމަަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ، ރާއްޖޭއަށް ވުރެ މާބޮޑެތި އާބާދީގެ ގޮތުން މާ މީހުން ގިނަ ގައުމުތަކުގައިވެސް ނިސްބަތުން ގާނޫނުހަދާ މަޖިލިސް މެންބަރުންގެ އަދަދު މަދު ކަމަށެވެ.

އެގޮތުން އާބާދީގައި 4.1 ބިލިއަން މީހުން ދިއިރުޅޭ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ވޯޓިން ޕޮލިއުލޭޝަންގައި އެއްބިލިޔަން މީހުން ތިބި އިރު، ޕާލަމެންޓް، ލޮކްސަބާގައި ތިއްބެވީ 545 މެންބަރުން ކަމަށެވެ. އަދި މި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، 2019 ވަނަ އަހަރާ ހަމައަށް ދެ މެންބަރުން މަދުކޮށް މިހާރުގެ އަދަދަކީ 543 މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އާބާދީގައި 330 މިލިޔަން މީހުން ހިމެނޭ އެމެރިކާގެ ދެ ހައުސްގައި މެންބަރުން ތިއްބެވި އަދަދުވެސް ޝުޖާއު ހާމަ ކޮށްދެއްވިއެވެ.

ޝުޖާއު ވިދާޅުވީ، އިތުރުވަމުން އަންނަ މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި، މަޖިލިސް މެންބަރުންގެ އަދަދު އޮންނަން ޖެހޭނީ، މިހާރު އޮތް ފެހި ގާނޫނު އަސާސީ ވުޖޫދުވީ އިރު އޮތް އަދަދަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މެންބަރުންގެ ހިޔާލު ހޯދުމަށް މިއަދު މަޖިލީހަށް ގަރާރު ހުށަހެޅުއްވީވެސް ޝުޖާއުއެވެ.

ޝުޖާއު ވިދާޅުވީ އާންމުކޮށް ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެކުރިން ވެސް މަޝްވަރާ ކުރަމުން އައިސްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ، މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.