ސައްހަނޫން ސްލިޕްކޮޅެއް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހަ މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސ. ހިތަދޫ، ދާގަނޑުކެކުރިގެ، ޝާފިއު ޝިހާބު، 2022 ޖޫން 27 އިން ފެށިގެން 2022 އޮކްޓޫބާ 21 އާ ހަމައަށް އެކި ފަހަރު މަތިން ތަކުރާރުކޮށް ޅ. ހިންނަވަރު "ކްރިޕްޓަން" ފިހާރައިން މުދާ ގަތުމަށްފަހު އެ މުދަލަށްވާ ފައިސާ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފިހާރައިގެ އެކައުންޓަށް ޓްރާންސްފާ ކުރާނެ ކަމަށް ބުނެ، ފައިސާ ޓްރާންސްފާ ކުރުމެއް ނެތި، އެ ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމުގެ ތަސައްވަރު ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފައިސާ ޓްރާންސްފާކުރި ކަމުގެ ސްލިފްތަކެއް ވަނީ ފިހާރައިގެ ފޯނު ނަންބަރަށް ފޮނުވައިފަ އެވެ.

އެހެންވެ ދައުލަތުން ވަނީ ޝާފިއު ޝިހާބުގެ މައްޗަށް، އެނގިހުރެ ސައްހަނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ދައުވާ 2022 ޑިސެމްބަރު 21 ގައި ކޮށްފަ އެވެ. އެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ޝާފިއު އިބްރާހީމް ވަނީ ދައުވާ ސާފުވެއްޖެކަން ފާހަގަކޮށް، ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ދައުވާއަށް އިއުތިރާފުވެފައިވަނީ އެއްވެސް މީހެއްގެ މަޖުބޫރުކަމެއްނެތި ކަމަށް ބުނެފަ އެވެ.

ދައުވާއަށް ޝާފިއު އިބްރާހިމް އިއުތިރާފުވުމުން މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ އެ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަވައިފަ އެވެ. އަދި ވަނީ ޝާފިއު އިބްރާހީމްގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅުއްވައިފަ އެވެ.

ޝާފިއު އިބްރާހީމްގެ މައްޗަށްކުރާ އެނގިހުރެ ސައްހަނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ދައުވާގެ އަސާސީގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ޝާފިއު ޝިހާބުގެ ކުށުގެ ރިކޯޑަށާއި އެ ނޫން ހާލަތްތަކަށް ބަލާއިރު އަދަބު ދަރަޖަ މަތިވާން ޖެހޭ ހާލަތެއް ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. ޖަލު ހުކުމް، ޖޫރިމާނާއަކަށް ބަދަލުކޮށް ދިނުމަށް ޝާފިއު އިބްރާހީމް އެދިފައިވި ނަމަވެސް، އޭނާއަށް އެ ފައިސާ ދެއްކޭނެ ކަމުގެ ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުވާގެ އިބްތިދާއީ މަރުހަލާގެ ޝާފިއު އިބްރާހީމް ދައުވާއަށް އިއުތިރާފުވެފައިވާތީ އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށްކުރަން ގާޒީ ވަނީ ކަނޑައަޅުއްވައިފަ އެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ އަސާސީ މިންގަނޑުން އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްކުރުމަށްފަހު ޝާފިއު އިބްރާހީމް ހަ މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.