މިހާރުވެސް ގެއްލުމުގައި ހިންގަމުންދާ ދައުލަތުގެ މަސް ކުންފުނި، މިފްކޯއިން ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯ ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޗީފް ފައިނޭންސިން އޮފިސަރު (ސީއެފްއޯ) އިލްޔާސް ހަބީބް ނޫސްވެރިންނާ އެކު ސޮލައިޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، އިލްޔާސް ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި މިފްކޯއަށް 1.6 ބިލިއަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި ދައުލަތުން މިފްކޯއަށް 353 މިލިއަން ދީފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިފްކޯއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސަބްސިޑީ ދީގެން ހިންގަމުންދާ ކުންފުންޏަކަށް ވުމުން، އެ ކުންފުނީގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ރިޖެކްޓް މަސް މަދުކުރުމަށް، ކޮލެޓީ ދަށް މަސް މިފްކޯއަށް ދެން ނުގަންނާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިފްކޯގެ މުވައްޒަފުންގެ އަދަދުވެސް ރިވިއުކުރަމުން އަންނަ ކަމަށާއި މިފްކޯއަށް ތަކެތި ގަނެވޭ އެކި ދިމަދިމާވެސް ބަލައި އެ ދާއިރާތަކުންވެސް ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު މިފްކޯގައި ބޭނުން ކުރާ ކުދި ބޯޓު ފަހަރުތަކަށް ވަރަށް ހަރަދު ކުރަންޖެހޭ. އޭގެ ބޯޓަކަށް މަސްދޯންޏެއްގެ މަސް ނުނެގޭ. އެ ފަދަ ބޯޓުތައް ހުއްޓާލަންވެސް ދަނީ މަޝްވަރާކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިފްކޯއިން ތެލަށް ބޮޑު ހަރަދެއް ކުރާ ކަމަށާއި މިފްކޯގެ ފެކްޓަރީތަކުގައި ބޭނުންކުރާ ހަކަތައިގެ 35 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ކަނޑުއޮތް ގިރި އާއި ފުނައްޑޫ ބެލެހެއްޓުމަށް ބޮޑު ހަރަދެއްދާ ކަމަށާއި އެ ތަންތަނާ މެދުވެސް ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކަނޑުއޮތް ގިރި އެހެން ބަޔަކަށް ކުއްޔަށް ދިނުމުންވެސް ދައުލަތަށް މާ ފައިދާ ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.