މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އެ މަނިކުފާނާ ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުނ،ް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރަށް މަސައްކަތް ކުރެވޭނީ ކަމާބެހޭ ޕޮލިސީގެ ދަށުން ކަމަށެވެ.

ނަމަވެސް ދައުލަތާއި އިގްތިސާދުގެ މައްޗަށް ބާރު ނުފޯރުވޭ އެހެން ހާލަތެއް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުން ކަމަށާއި، މަނިޓަރި ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަމަކުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރަމުންދާތީކީ، މިސަރުކާރު ވެރިކަމާ ހަވާލުވެގެން މިވީ ހަތް މަސްދުވަހުގެ ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލބިފައެއް ނުވޭ އަދި މަޖިލީހަކަށްވެސް ލިބިފައެއް ނުވޭ،" ނާޒިމް ވިދާޅުވިއެވެ.