އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ތައްޔާރުވެފައި އޮތް ސްޕޯޓްސް އެވޯޑް، މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރަދު ކުޑަކުރަން އެންގެވުމުން ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފިއެވެ.

މިއީ އެވޯޑް ފަސްކުރި ދެވަނަ ފަހަރެވެ. މި އަހަރުގެ ސްޕޯޓްސް އެވޯޑްސް ބާއްވަން ސްޕޯޓްސް މިނިސްޓްރީން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރެއަށެވެ. ނަމަވެސް އެވޯޑު އެ ފަހަރު ފަސްކުރީ އިތުރަށް ފުރިހަމަ ކުރުމަށެވެ.

އެވޯޑަށް ފަނޑިޔާރުން ޕެނަލްގެ ނިންމުންތައް ނިންމައި މިހާރު ބައެއް ކުޅިވަރުތަކުގެ ނޮމިނޭޝަންސް ވަނީ އިއުލާންކޮށްފައެވެ. އަދި ހަބަރު ލިބިފައިވާ ގޮތުގައި ހުރިހާ ނޮމިނީސްއާއި ބައެއް އިސް ފަރާތްތަކަށް ދައުވަތުވެސް މިހާރު ވަނީ އަރުވައިފައެވެ. އޭގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އެވޯޑް ހަފުލާ ބާއްވަން ވަނީ ސްޓޭޖުވެސް ތައްޔާރުކޮށް ނިންމައިފައެވެ.

އެވޯޑަށް މަސައްކަތްތައް ނިންމައި ކުއްލިއަކަށް ފަސްކުރުމުން ކުޅިވަރު އާއިލާ މާޔޫސްވުމުން މިނިސްޓްރީން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ބުނީ ތައްޔާރީތަކަށްފަހުވެސް އެވޯޑު ފަސްކުރީ ރައީސް ހަރަދަ ކުޑަ ކުރައްވަން އަޅުއްވާފައި ފިޔަވަޅުތަކަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު އެވޯޑު ފަސްކޮށްފައި ވަނީ ކުޅިވަރު އާއިލާއާ ވާހަކަ ދެކެވި ހިޔާލު ހޯދިގެން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި އަހަރުގެ ސްޕޯޓްސް އެވޯޑު ދެން ބާއްވާނީ އަހަރުގެ ފަހުކޮޅު ކަމަށާއި މިހާރުވެސް ބާއްވަން ތައްޔާރުވެފައި އޮތް ގޮތަށް ފުރިހަމަކޮށް އަހަރު ފަހުކޮޅު އެވޯޑު ބާއްވާނެ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ހާމަކުރައްވައިފައެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުންވެސް ހިމެނެއެވެ.