އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ތައްޔާރުވެފައިވާ ސްޕޯޓްސް އެވޯޑް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީން ރޭ ބުނީ ސްޕޯޓްސް އެވޯޑް ފަސްކުރަން ނިންމާފައިވާ ކަމަށާއި ދެން ބާއްވާނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށެވެ. އަދި އެވޯޑް ފަސްކުރަން ޖެހުނު ސީދާ ސަބަބެއްވެސް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.

މިއީ އެވޯޑް ފަސްކުރި ދެވަނަ ފަހަރެވެ. މި އަހަރުގެ ސްޕޯޓްސް އެވޯޑްސް ބާއްވަން ސްޕޯޓްސް މިނިސްޓްރީން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރެއަށެވެ. ނަމަވެސް އެވޯޑު އެފަހަރު ފަސްކުރީ އިތުރަށް ފުރިހަމަ ކުރުމަށެވެ.

އެވޯޑަށް ފަނޑިޔާރުން ޕެނަލްގެ ނިންމުންތައް ނިންމައި މިހާރު ބައެއް ކުޅިވަރުތަކުގެ ނޮމިނޭޝަންސް ވަނީ އިއުލާންކޮށްފައެވެ. އަދި ހަބަރު ލިބިފައިވާ ގޮތުގައި ހުރިހާ ނޮމިނީސްއާއި ބައެއް އިސް ފަރާތްތަކަށް ދައުވަތުވެސް މިހާރު ވަނީ އަރުވައިފައެވެ. އޭގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އެވޯޑް ހަފުލާ ބާއްވަން ވަނީ ސްޓޭޖުވެސް ތައްޔާރުކޮށް ނިންމައިފައެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ހާމަކުރައްވައިފައެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުންވެސް ހިމެނެއެވެ.

ބެލެވޭ ގޮތުގައި ސްޕޯޓްސް އެވޯޑް ފަސްކުރީ އެ ސިޔާސަތުގެ ދަށުންނެވެ.