ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މި ސަރުކާރުން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ފިޗުން ރާއްޖޭއަށް ދޭ ރޭޓިން މަތިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިޗުން މިއަދު އާންމުކުރި "ރޭޓިން އެކްޝަން ކޮމެންޓްރީ" ރިޕޯޓުގައި ވަނީ ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފައެވެ. ފިޗުން ވަނީ މީގެ ކުރިން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކޮށްފައެވެ. އެއީ ކޮވިޑް-19 ގެ ސަބަބުންނެވެ. ފިޗުން މިދިޔަ އަހަރު ރާއްޖެއަށް ދިނީ "ބީ މައިނަސް" އެވެ.

ރާއްޖެ "ބީ މައިނަސް" ގައި ރޭޓު ކުރަމުން އަންނަތާ ވަނީ ތިން އަހަރު ވެފައެވެ. ފިޗުން ތިން އަހަރަށްފަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބޭރުގެ ދަރަނީ އިތުރުވެފައިވާތީ އާއި ރާއްޖޭގައި ޑޮލަރުގެ ރިޒާވް ދަށްވެ، ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކެއް ދިމާވުމުގެ ސަބަބުންނެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ބޭރުގެ ދަރަނި އިތުރުވުމުން ކަމަށެވެ. ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ފިޗުން ވެސް އަންދާޒާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"ރާއްޖެއިން އެޅުމަށް ނިންމައިފައިވާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ދަރަނީ އަދަދު ދަށްވުމުގެ ސަބަބުން ރޭޓިން މަތިވާނެ ކަމަށް ފިޗުން ލަފާކުރޭ. އަދި ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުމަށް ކުރުމަށްކުރާ މަސައްކަތުގެ ސަބަބުން ދަރަނީގެ ނިސްބަތް ކުޑަވާނެތީ ވެސް ރޭޓިން މަތިވާނެ ކަމަށް ފިޗުން ލަފާކުރޭ" ފިނޭންސުން ބުންޏެވެ.

ސަރުކާރުގެ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއާ އެކު، ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ވާންޖެހޭ ބަރޯސާ ކުޑަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ވަޒީރުންގެ މަޖިލީހުން ވަނީ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ ފާސްކޮށްފައި ކަމަށާއި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީގެ ސަބަބުން މާލީ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށް ފިނޭންސުން ބުންޏެވެ.

އަދި ބުނީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނެ ކަމަށާއި ރާއްޖޭގެ އިގްތިސޯދު ހަލުވި ސްޕީޑެއްގައި ކުރިއެރުވުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

"ސަރުކާރުން ހުރިހާ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް ވެސް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ދައްކަމުން ދާނޭ ކަމުގެ ޔަގީންކަން އަރުވަމެވެ." ބަޔާނުގައިވެއެވެ.

ފިޗުން ބުނީ ރާއްޖޭގެ މިހާރުގެ ސަރުކާރުން މެދު ރާސްތާގައި ބޭރުން ނަގާ ދަރަނި ދަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މިއަންނަ އަހަރާއި 2026 ވަނަ އަހަރުގެ ދަރަނި އަދާކުރުމަށް ރާއްޖެއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ފިޗުން ބުންޏެވެ.

ދަރަނީގެ ގޮތުގައި މިއަންނަ އަހަރު ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު، 2026 ވަނަ އަހަރު ދައުލަތުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހޭ ކަމަށް ފިޗުން ބުންޏެވެ.

ރާއްޖޭގެ ކަރަންޓު އެކައުންޓު ޑެފިސިޓު 492 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ)، 748 މިލިއަން ޑޮލަރަށް (12 ބިލިއަން ރުފިޔާ) ބޮޑުވެފައިވާ ކަމަށް ފިޗުން ބުންޏެވެ. ރާއްޖޭގެ ފޮރިން ރިޒާވުގެ ޝޯޓް ޓާމު ފޮރިން ލައިބިލިޓީތަކުގެ އަދަދު 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށް ދަށް ވެފައިވާ ކަމަށް ފިޗުން ބުންޏެވެ.

ރާއްޖޭގެ މާލީ ހާލަތު މިހާރު ހުރި ގޮތުން ދަރަނިތައް އަދާކުރުމުގައި ރާއްޖެއިން ގައުމުތަކުގެ އެހީ ހޯދާނެ ކަމަށް ފިޗުން ބުންޏެވެ. އަދާކުރަން ހުރި ދަރަނިތަކާ އަޅައި ބަލާ އިރު، ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ބޭނުން ކުރެވޭ ގޮތަށް ހުރީ ކުޑަ އަދަދެއްގެ ފައިސާ ކަމަށް ފިޗުން ބުންޏެވެ،

ދެހާސް ސައްބީސް ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުންޏެވެ.