މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަޝޭންގައި ތިއްބެވި ވެރިން ވެފައިވާ ހިޔާނާތްތައް ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފޭދޫ ދެކުނު އިބްރާހިމް ދީދީ އެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ދީދީ ވިދާޅުވީ، ފެނަކަ ހިންގުމަށް އިސްކޮށްފައިވާ ފަރާތްތަކުގެ އިހުމާލުން ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެ ކުންފުނިން އާއްމުންނަށް ދޭ ހިދުތްތަކަށް ބުރޫ އަރައި ފޫނުބެދޭވަރުގެ ގެއްލުންވަމުންދާކަށެވެ.

އެކަމަކީ ގައުމީ މަސްލަހަތަށް ސީދާ އަސަރުކުރަމުންދާ ބޮޑު މައްސަލައަކަށް ވާތީ ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނައުމާއި ސަރުކާރުން މިކަމާމެދު އަޅާފައިވާ ފިޔަަޅު ތަކަކީ ނުވަތަ އަޅަން ގަސްތުކުރާ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމުގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.

ފެނަކައިގެ ވެރިން ވެފައިވާ ހިޔާނާތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ ފަސްއަހަރުގެތެރޭގައި ފެނަކައިގެ ދަތުރުތަކަށް 100 މިލިޔަން ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެތަނުގެ ޖަނަރޭޓަރުތައް ސާވިސްކުރުމަށްވެސް 100 މިލިޔަން ހަރަދުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.