ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ފަލާހު، އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް އެކްސްގައި މިއަދު ޕޯސްޓުކޮށްފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ.
އެކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ފަލާހުގެ އަބުރުފުޅަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
"ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ކަށަވަރު ކޮށްދީފައެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، "ހަސަން ކުރުސީ" އެކައުންޓުގެ އިތުރުން އެ ނޫންވެސް އިތުރު ފަރާތްތަކުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެހެންކަމުން އެފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކައި ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެ ކޯލިޝަނުން ވަނީ ގޮވައިލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު