ރާއްޖޭގައި އިތުރުވަމުން އަންނަ ބަލިތައް ދެނެގަނެ ސިއްހީ ކަންތައްތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އާންމު ސިއްހަތުގެ ނިޒާމެއް ގާއިމުކުރަން ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވަމުން އިމްރާން ވިދާޅުވީ، މި ބިލު ހުށަހަޅާ ބޭނުމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށްޓަކައި ބަލިތަކާއި ސިއްހަތަށް ލިބޭ އެ ނޫންވެސް ގެއްލުންތަކުން މީހުން ދުރުވެ ތިބުމަށް ރާއްޖޭގެ ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމު ބައްޓަންކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ބަލިތަކުން ރައްކާތެރިވާން ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ، ދެމެހެއްޓެނިވި އުސޫލަކުން އެކަށީގެންވާ ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭނެ ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމުކުރުމާއި ޕްރިވެންޓިވް ކެއާގެ ހިދުމަތްތައް އެ ނިޒާމުގެ ތެރެއިން ދެވޭނެ ގޮތް ހަމަޖައްސައި، އެ ހިދުމަތްތައް ފޯރު ކޮށްދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުންވެސް މި ބިލު ހުށަހެޅުއްވި ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބިލުގައި ވަނީ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއަށް ވަށައިޖެހޭ އާންމު ސިއްހަތުގެ ނިޒާމެއް ވެއްދުމަށް މާއްދާތަކެއް އިތުރުކޮށްފައެވެ. އަދި ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސްގެ ނަމުގައި މަގާމެއް އުފައްދައި އެ މަސައްކަތްތައް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައަޅައި އެކަމާބެހޭ އެންމެހާ ކަންކަންވެސް ބިލަށް އިތުރުކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިފަތީ ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ ތެރެއިން 82 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލު މަޖިލީހަަށް ބަލައިގަތުމާއެކު އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފައެވެ.