ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސަރުކާރުން ކުރިން ރާވާފައިވާ ގޮތަށް މި އަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަވައިލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައިޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އަލުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަހަރުގެ ޑިސެމްބަރު މަސް ނިމެންވާ އިރަށް އަޅުގަނޑުމެންގެ އަމާޒަކީ، ހަމަ ފުރަތަމަ ވެސް ޕްލޭން ކުރި ގޮތަށް، އެތަނުގެ އެއްހާސް އެއްސަތޭކަ ހެކްޓަރުގެ ބިން ހިއްކައި ނިންމުން، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލޭގެ އިތުރުން ގިރާވަރުފަޅާއި ގުޅިފަޅު އަދި ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބް ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ސަރުކާރުން ރޭވި ގޮތަށް މިހާތަނަށް ކުރިއަށް ނުގެންދެވުނު ކަމަށާއި އެހެންވެ އެ މަަސައްކަތް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، ސީއެމްސީސީއާ ރަސްމާލެ ހިއްކަން ހަވާކުރީ ދައުލަތަށް އެއްވެސް ބުރައެއް ލިބޭ ގޮތަށް ނޫން ކަމަށާއި އެ ކުންފުނިން އޭރު ހުށަހެޅީ ވަރަށް ރަނގަޅު ހުށަހެޅުމެއް ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ފައިސާ ނުހޯދިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށް މުއްތަލިބު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން ސަރުކާރުން އެހެން ގޮތްތަކެއް މިހާރު ހޯދަމުން އަންނަ ކަމަށާއި މަޝްރޫއުގެ މަސައްކަތް ކުރިން ތާވަލުކުރި ތާރީހަށްވުރެ ލަސްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއު ކުރިއަށްގެންދަން 400 މިލިއަން ރުފިޔާ ބަޖެޓުގައި ޖެހުމުންވެސް ކަނޑާލާފައި އޮތުމުން ކަމަށެވެ. އެހެންވެ އެ މަޝްރޫއު ސީދާ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުންދާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު އެތަނުގައި ތަރައްގީ ކުރައްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު