ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުން ނޫން ކަމަށާއި އެކަމަށް އޮތް ހައްލަކީ މާހައުލު ބަދަލުކުރުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ކުށްކުރާ ކުޑަކުދިންގެ މައްސަލަަތައް އިތުރުވަމުން އަންނަ މައްސަލައިގައި އެކި ފަހަރުމަތިން ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް، ޝަމީމް މިހެން ވިދާޅުވީ، ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހައްލެއް ހޯދިފައި ނުވާ މައްސަލައެއް ކަން ފާހަގަ ކުރައްވައި އެކަމާބެހޭ ތަފުސީލީ މައުލޫމާތު ހިމެނޭގޮތުން އޭނާގެ ބްލޮގްގައި މިއަދު ޝާއިއު ކުރެއްވި ލިއުމެއްގައެވެ.
އޭނާ ވިދާޅުވެފައިވަނީ އެކަމަށް ގާނޫނު އެބަ އޮތް ކަމަށެވެ. ނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށްވެސް އަދި ދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތު ކަމަށާއި ކުޑަކުދިން ކުށްކުރަނީ ކުށެއް ކުރަންވެގެނެއް ނޫން ކަމަށްވެސް ޝަމީމު ވަނީ ވިދާޅުވެފައެވެ.
"ނުވަ އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެ ކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ގަބޫލުކޮށްފާނެ އެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ،" ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
ކުށްކުރާ ކުދިންނާ ބެހޭ ފުރިހަމަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ކުށްކުރުމާ ގާތަށް ދެވިދާނެ ކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅޭ ކަމަށް ސަރުކާރުގެ އިދާރާތަކުން ދެކޭ ކަމަށެވެ.
"ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދު ކަމަށް ބަލައިގެން ހިސާބު ޖަހައިފިނަމަ، މިދެންނެވި 200 ކުދިން މިހާރު އެ ހިނގާ މަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ގައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސުވާލަކީ، މި މައްސަލަ ހައްލުކުރާނެ ގޮތާބެހޭ ސުވާލެކެވެ،" ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
ޝަމީމް ވިދާޅުވީ، އެކަމުގެ ހައްލެއް ކަމަށް ފުލުހުންގެ ތަހުގީގީ އިދާއިރާ އާއި ސަރުކާރުގެ ބައެއް މީހުން ދެކެނީ، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް ނުވަތަ 10 އަހަރަށް ހަގުކޮށް، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ގޮތް ހެދުން ކަމަށެވެ.
ނަމަވެސް ޖިނާއީ ތަހުގީގުކުރުމާއި ދައުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖުތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫން ކަމަށްވެސް ޝަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖަލުގެ އާބާދީގެ 70 ޕަސެންޓަށް ވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާނަމަ، މަސްތުވާތަކެތީގެ މައްސަލައެއް ރާއްޖޭގައި ނުއޮތީސް ކަމަށްވެސް ވިދާޅުވިއެވެ.
"މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާ ކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ހިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވެއެވެ. ހޮސްޕިޓަލަށް މީހުން ދަނީ ފަރުވާ ހޯދާށެވެ. ބަލިން ރައްކާތެރިވާން ކުރަންޖެހޭ ކަންކަން ކުރުމަކީ ހޮސްޕިޓަލެއް ހޮސްޕިޓަލަކަށްވާ އެއް ސަބަބެވެ. ނަމަވެސް، އެތަނުންވެސް އިތުރު ބަލި ޖެހޭކަން ތަފާސް ހިސާބުން ފެންނަން އޮތީ މާ ސާފުކޮށެވެ. ވީމާ، އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެ ކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލި ކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ،" ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
ޝަމީމް ވިދާޅުވީ ކުށްކުރާ ކުދިންނާއި ކުށަށް ހުށަހެޅިފައިވާ ކުދިންނަށް ފިޔަވަޅު އަޅައި، ފަރުވާދެވޭނެ ނިޒާމުތައް ގާނޫނުގައި މިހާރުވެސް ލިޔެފައި އެބައޮތެވެ. އަދި ގާނޫނު އޮތް ގޮތުން އެއްވެސް ކަމެއް ނުވެގެން އުޅެންޖެހޭ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި ކަންކަން ކުރާނެ އަދި ކުރެވޭނެ ގޮތް ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުދިން އިސްލާހު ކުރުމަށްޓަކައި، މާހައުލު ބަދަލުކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކުޑަކުދިން ކުށްކުރާ ކަމަށް ފެންނަނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެވެ.
"ކުށަށް ހިތްވަރު ލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލު ކަމަށް އައިސްފައެއް ނުވެއެވެ. ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުމެވެ،" ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
އެ ކަން ކުރުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ މީހުންނަށް އެބައޮތް ކަމަށާއި ނަމަވެސް، މާހައުލު ބަދަލުކުރުމާއި އެ ބަދަލާ އެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ ސްވިޗަކަށް ފިތާލުން ކަހަލަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ
"ވަގުތަކުން ނަތީޖާއެއް ނުފެންނާނެއެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެއެވެ. ދައުލަތުގެ ވަސީލަތްތައްވެސް އެކަމަށް ހޭދަކޮށްގެން، އެކުއްޖާ އާއި އެކުއްޖާގެ ވަށައިގެންވާ މާހައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަން ޖެހެއެވެ. އެކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތްނަމަ، ވަޒީފާއެއް ހޯދައިދޭންވީއެވެ. ތައުލީމީ ދާއިރާއިން އެ ކުދިންނަށް އިތުރު ހާއްސަ ފުރުސަތުތައް ވެސް ލިބޭނޭ ގޮތް ހަދަންވީއެވެ. ޔުނިވާސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކޮށް، ނުރަނގަޅު ރަހުމަތްތެރިންނާ އެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީއެވެ. އެއާއެކު، އެ ކުއްޖާއާ އެއްކޮށް އުޅޭ އެހެން ކުދިންވެސް، މަޑުމަޑުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަންވީއެވެ،" ޝަމީމް ވިދާޅުވެފައިވެއެވެ.
އެކަންތައް ކުރިއަށް ގެންދާނެ ގޮތްތަކުގެ ތަފްސީލްތައްވެސް ޝަމީމްގެ ބްލޮގައިވަނީ ތަފްސީލް ކޮށްދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު