ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހައްޖު މިޝަނުން ބުނީ، ރާއްޖޭގެ ހުރިހާ ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ.

ހައްޖު ދުވަހު އަރަފާތު ބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެ ދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ. މިއަދުގެ މެންދުރު ނަމާދު ވަގުތުގައި ހައްޖުގެ ޚުތުބާ އިއްވުމަށް ފަހު، މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް އަދި ގަސްރުކޮށް ކުރާނެއެވެ.

އެއަށް ފަހު މިއަދުގެ އިރު އޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި ތިބޭނީ، މާތް ﷲ އަށް ދުއާކޮށް އަސްތަޣްފާރު ކުރުމުގަ އެވެ. މިއަދުގެ އިރު އޮއްސުމާއެކު، ހުރިހާ ހައްޖުވެރިންވެސް މުޒްދަލިފާ އަށް ދަތުރުކުރާނެއެވެ.

މުޒްދަލިފާގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު، ނުވަތަ މިރޭގެ ފަތިސް ނަމާދު މުޒްދަލިފާގައި ކުރުމަށް ފަހު، ހުރިހާ ހައްޖުވެރިން ދަތުރުކުރާނީ މިނާއަށެވެ. އީދު ދުވަހާއި އައްޔާމުއް ތަޝްރީގުގެ ތިން ދުވަހު (ހައްޖު މަހުގެ 11، 12 ،13) މިނާގައި ތިބޭ ތިބުމުގައި ތިން ޖަމްރާ އަށް ހިލަ އުކުމާއި ހަދްޔު ކަތިލުން އޮންނާނެއެވެ.

ހައްޖުގެ ދަތުރު އަވަހަށް ނިންމައިލާ ހައްޖުވެރިން، ހައްޖު މަހުގެ 12 ވަނަ ދުވަހު، މިނާ އިން އެނބުރި މައްކާ އަށް ގޮސް، ވަދާއުގެ ތަވާފް ކުރުމަށް ފަހު، މައްކާ އިން ނުކުންނާނެއެވެ. އެ ނޫން ހައްޖުވެރިން މިނާ އިން އެނބުރި މައްކާ އަށް ދާނީ، 13 ވަނަ ދުވަހު ތިން ޖަމްރާ އަށް ހިލަ އުކުމަށް ފަހުއެވެ.