އަލްހާ އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ އަލްހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުން ނިންމައިފައިވާ ކަމަށެވެ.

"ވީމާ، ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގެ މަތީގައި ދެންނެވިފައިވާ ދުވަހުގެ 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގައި އިއުލާންކުރީމެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ..،" ސިޓީ ކައުންސިލުން ބުންޏެވެ.

އެ ގަޑިތަކުގައި އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ތައިސޭކޮށިން އެ ސްޓިކާ ދޫކުރާނީ މާދަމާ (މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00) އަދި އަންނަ ހޮނިހިރު ދުވަހު (ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް) ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.