ކ. ދިއްފުށީގައި ގާއިމްކުރަން ނިންމާފައިވަނީ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށާއި ބުރޫ ނާރާ މަސައްކަތް ކުރިއަށްދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދިއްފުށީގެ އާ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށާއި އާ އިންޖީނުގޭގެ ބިންގާ އެޅުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ދިއްފުށީގައި މިހާރު ހިދުމަތްދޭ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ވުމުން ރައްޔިތުންނަށް އޭގެން އުނދަގޫވާ ކަމަށެވެ.
"އެހެންކަމުން ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަހައްދެއްގައި އަލަށް ގާއިމުކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ހިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް،" ފަހުމީ ވިދާޅުވިއެވެ.
އެ މަޝްރޫއުއަކީ ސީދާ ސްޓެލްކޯގެ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާ އެކު މަސައްކަތް ކުރެވޭނެ މާހައުލު އޮންނާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ކަރަންޓުގެ ހިދުމަތަކީ ދިއްފުށި ފަދަ ލޯކަލް ޓުއަރިޒަމް ކުރިއަރަމުންދާ ރަށަކަށް ވަރަށް މުހިއްމު ހިދުމަތެއް ކަމަށާއި އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި، ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
ދިއްފުށީގެ އާ އިންޖީނުގޭގެ މަސައްކަތް ނިމި، ވަރަށް އަވަހަށް އެ އިންޖީނުގެއިން ހިދުމަތްދޭން ފަށާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށްވެސް ނަސީމް ވިދާޅުވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ، ދިއްފުށީގެ ކަރަންޓު ވިއުގަ ޒަމާނީކޮށް، ރައްޔިތުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އާ އިންޖީނުގެއަކީ ޒަމާނީ ހިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި ދިއްފުއްޓަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ހިދުމަތް ފުޅާކުރެވޭނެ ފަދައިން ގާއިމްކުރުމަށް ނިންމާފައިވާ އިންޖީނުގެއެއް،" ސްޓެލްކޯއިން ބުންޏެވެ.
އާ އިންޖީނުގެ މަސައްކަތް ނިމޭ އިރު، ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި އޮފީސް އިމާރާތެއް ގާއިމު ކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުހައްމަދު ލަތީފް އަދި ނަސީމްއެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު