ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯން އަށް ހަތް ގަޑިއިރު ތެރޭ 2.6 މިލިޔަނަށް ވުރެއިން ގިނަ ރުފިޔާ ލިބިއްޖެއެވެ.

ޕީއެސްއެމްއިން މިއަދު "ވަން" އަށް ބުނީ މިއަދުގެ ހެނދު 8:00 ފަލަސްތީނަށް އެހީވުމަށް ހުލުވާލި ޓެލެތޯންއަށް މެންދުރު 2:15 އާ ހަމައަށް ނަގުދު ފައިސާގެ ގޮތުގައި 174،440 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކައުންޓް ޓަރާންސްފާ އަށް 2،284،015 ރުފިޔާ، ޔޫއެސް ޑޮލަރު ނަގުދުގެ ގޮތުގައި 113، ޑޮލަރު އެކައުންޓަށް 9513.72 އަދި 10 ޔޫރޯ ލިބިފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ޖުމުލަ 2،607،065 ރުފިޔާ ވަނީ ލިބިފައެވެ.

މި ޓެލެތޯން ކުރިޔަށް ދަނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 ގެ ނިޔަލަށެވެ.

މި ޓެލްތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ މިނިސްޓަރުން ވަނީ ފަންޑު ފޮށްޓަށް ފައިސާ ހަދިޔާ ކުރައްވައިފައެވެ.

މި ޓެލެތޯން ފެށުމުގެ ގޮތުން ޕީއެސްއެމްގައި ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، މި ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށެވެ.

އެ ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތި ތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެ ކަމަށާއި ޓީވީއެމް ގޯތި ތެރޭގައި ހުރި ފަންޑު ފޮށި މިރޭ 10:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގާލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި ޓެލެތޯންގެ ފަންޑު ރައިޒިން ހަރަކާތްތައް ކުރިއަށްދާ ގޮތާއި ލިބޭ ފައިސާއިން ފަލަސްތީނަށް އެހީވުމަށް ކުރެވޭ މަސައްކަތްތައް ދެފުއް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިޓެލެތޯންގައި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ، 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.