ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމަށާއި މިއަދަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް، ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދޭ ދުވަސްކަމުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ފަލަސްތީނު ރައްޔިތުންނަށް ދިވެހި އެހީތެރިވުމަށްޓަކައި މިއަދު ފެށި "ފަލަސްތީނު ރައްޔިތުންނާ އެކު ދިވެހިން" ގެ ޓެލެތޯނު ފެށުމަށް ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު އެއްކުރެވޭ ފައިސާއިން މާނަ ހުރި ބަދަލެއް ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށްވުރެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ހައްގެއް ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްތީނު ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭ ކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ވަރަށް ފުރިހަމައަށް މިއަދު ސާބިތުކޮށްދެއްވާނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމުގައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް އެހީތެރިވަމުން ދިއުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިލްތިމާސް ކުރެއްވިއެވެ.

ރައީސް މުއިއްޒުގެ އިރުޝާދާ އެކު، ޕަބްލިކް ސާވިސް މީޑިއާއިން އިސްވެ އޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްތީނަށް އެހީވުމަށް ބާއްވާ "ފަލަސްތީނާ އެކު ދިވެހީން" ހައްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަގީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސައިފައެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓައިފައެވެ.

މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.